ޒަވާޖީ ހަޔާޔަކަށް ތައްޔާރުވާއިރު އެންމެ ބޮޑަށް ވިސްނަނީ ކޮންކަމަކަށް ހެއްޔެވެ. ތިމާގެ ހަޔާތުގެ ބައިވެެރިޔާގެ ކިބައިގައި ހުންނަން ބޭނުންވަނީ ކޮން ސިފަތަކެއް ހެއްޔެވެ. މިއީ ކޮންމެ މީހަކަށް އުފެދޭނެ ސުވާލެކެވެ. ކާމިޔާބް ހިތްހަމަޖެހޭ ދިރިއުޅުމަކަށް އެންމެން ވެސް އިންތިޒާރު ކުރާނެއެވެ. ތިރީގައި މި ބަލާލަނީ ރަނގަޅު ބައިވެރިއަކު ހޯދުމުގައި ކުރަންޖެހޭ ކަންކަމުގެ މައްޗަށް ކޮށްފައިވާ ދިރާސާގެ ބައެކެވެ.
1. ހަމަހަމަކަމަށް ލޯބިކުރުން
ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުމުގައި އެކަކުގެ މައްޗަށް އަނެކަކު ބާރުގަދަވެގެން ނުވާނެ އެވެ. ހުރިހާ ކަމެއްވެސް ދެމީހުން ދެމެދުގައި ހަމަހަމައަށް ބަހަންވާނެ އެވެ. އެހެންކަމުން ލޯބިވެރިޔާ އަކީ ވެސް ހަމަހަމަކަމަށް ލޯބިކުރާ މީހަކަށް ވުމަކީ މުހިންމު ކަމެކެވެ.
2. އަމިއްލަ ޚިޔާލު ފާޅުކުރަން ދަތުން
ހުރިހާ ކަމަކާއި ދެމީހުން އެއްބަސްވާން ކޮންމެހެން ނުޖެހޭނެ އެވެ. ބައެއް ފަހަރު ދެމީހުންގެ ޚިޔާލު ތަފާތުވާން ވެސް ވާނެއެވެ. އެހެންނޫނީ ގުޅުން ހީނަރުވެ، ފޫހިވާނެ އެވެ. އެހެންކަމުން ލޯބިވެރިޔާ އަކީ އޭނާގެ އަމިއްލަ ޚިޔާލުތައް ޖެހިލުމެއް ނެތި ބުނަން ކެރޭ، އަމިއްލައަށް ޤަބޫލުކުރާ ވަކި އުސޫލުތަކެއް ހުންނަ މީހަކަށް ވާން ޖެހޭނެއެވެ.
3. ތެދުވެރިކަން
ތިމާއަށް ގޯސްކަމެއް ކުރެވުނަސް އެއީ މައްސަލައެއް ނޫނޭ އަބަދު ބުނާ މީހަކީ ތެދުވެރިއެއް ނޫނެވެ. ލޯބިވެރިޔާ ދައްކާ ވާހަކަތަކުގައި ހަޤީގަތް ހުންނަން ޖެހޭނެއެވެ. އެގޮތުން ތިމާއަށް ނުރަނގަޅު ކަމެއް ކުރެވޭ ވަގުތުގައި އެއީ ގޯސްކަމެއްކަން ރަނގަޅަށް ބުނެދީ، ތެދު ބުނަން ޖެހިލުން ނުވާ ބައިވެރިއަކު ހޯދުމަކީ މުހިންމު ކަމެކެވެ.
4. އަންހެނުންނަށް އިޙްތިރާމްކުރުން
ލޯބިވެރިޔާ އަކީ އޭނާގެ ދިރިއުޅުގައި ޝާމިލްވާ އަންހެނުންނަށް އިޙްތިރާމާއި ޤަދަރުދޭ މީހެއްތޯ ބަލަން ވާނެއެވެ. މިސާލަކަށް އޭނާ އަކީ އަމިއްލަ މަންމަ ނުވަތަ ދައްތަ ނުވަތަ ރަހުމަތްތެރިންނަށް އިޙްތިރާމް ނުކުރާ މީހެއްނަމަ، އޭނާ ތިބާއަށް ވެސް އިޙްތިރާމް ނުކުރާނެކަން ދަންނަން ވާނެއެވެ.
5. ހީސަމާސާ ކުރުން
އަބަދު މާ ސީރިއަސްކޮށް ހުންނަ މީހަކާއި އެކީ އުޅެން އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ. ބައެއް ފަހަރު ކަންތައްތަކާއި ސަމާކޮށް ހީ މަޖާކުރަން ވެސް ވާނެއެވެ. އެހެން ނޫނީ ދުވަސްކޮޅަކުން ލޯބިވެރިޔާދެކެ ފޫހިވާން ފަށާނެއެވެ.
6. ހިތްހެޔޮކަން
ހިތްހެޔޮކަމަކީ ބައިވެރިޔާގެ ކިބައިގައި ހުންނަން ޖެހޭ ވަރަށްވެސް މުހިންމު ސިފައެކެވެ. ހެޔޮ ހިތެއްގެ ވެރިއަކީ އޭނާގެ އަންހެނުންދެކެ ވަރަށް ލޯބިވާނެ ފިރިހެނެކެވެ.
7. ރަނގަޅަށް މުއާސަލާތުކުރުން
ދެމީހުންގެ ދެމެދުގައި ޖެހޭ ގިނަ މައްސަލަތަކަކީ ރީތިކޮށް ވާހަކަދައްކައިގެން ހައްލު ކުރެވޭނެ ކަންތައްތަކެވެ. ހިތުގައި އޮންނަ އެއްޗެއް ނުބުނެ ފޮރުވައިގެން އުޅޭ މީހަކާއި އެކު އެގޮތަށް މައްސަލަ ހައްލު ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންކަމުން މައްސަލަ ޖެހުމުން ސުލްޙަވެރިކަމާއިއެކު ވާހަކަ ދައްކައިގެން އެ މައްސަލައެއް ޙައްލުކުރަން ދަންނަ ބައިވެރިޔަކު ހޯދަން މަސައްކަތް ކުރާށެވެ.