Last Updated: June 11, 10:02
Thursday, June 11, 2026
މުނިފޫހިފިލުވުން

"ލުޓޭރާ" ގެ ޓްރެއިލާ ލޯންޗްކޮށްފި

ގިނަ ބަޔަކު ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ އަދި މި އަހަރުގެ އެންމެ އުންމީދީ ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ލުޓޭރާ" ގެ ޓްރެއިލާ އިއްޔެ ލޯންޗްކޮށްފި އެވެ.

ޒުވާން ދެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ސޮނާކްޝީ ސިންހާ ލީޑް ރޯލް ކުޅެފައިވާ "ލުޓޭރާ" އަކީ ފާޑު ކިޔުންތެރިންގެ ބޮޑު މަގުބޫލް ކަމެއް ހޯދި ފިލްމް "އުޅާން" ގެ ޑައިރެކްޓަރު އަދިތިޔަ މޮޓްވާނީ އެވެ. މި ފިލްމަކީ އެކްތާ ކަޕޫރުގެ ބަލާޖީ އެންޓަޓެއިންމަންޓާއި އަނޫރާގް ކެޝަޕްގެ ފޭންޓަމް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

"ލުޓޭރާ" ގައި ދައްކުވައި ދެނީ 1950 އަހަރުގެ އަހަރުތަކުގެ ތެރޭގައި ހިނގާ އަސަރު ގަދަ ލޯބީގެ ހާދިސާތަކެވެ. މިއީ ސޮނާކްޝީ އާއި ރަންވީރު، 27، އާ އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފިލްމް ވެސް މެ އެވެ. އަދި މިއީ އުމުރުން 25 އަހަރުގެ ސޮނާކްޝީ އޭނާ އާ އެއް އުމުރެއްގެ ތަރިއަކާ އެކު ކުޅުނު ފުރަތަމަ ފިލްމް ވެސް މެ އެވެ.

އޭނާ މިހާތަނަށް ފެނިފައި ވަނީ 40 އަހަރުން މައްޗަށް ގޮސްފައިވާ އަކްޝޭ ކުމާރާއި ސަލްމާން ހާނާއި އަޖޭ ދޭވްގަން ފަދަ ތަރިންނާ އެކުގަ އެވެ.

ފިލްމްގެ ޓްރެއިލާ ލޯންޗް ކުރުމަށް ބޭއްވި ހަފުލާގައި ސޮނާކްޝީ ބުނީ "ލުޓޭރާ" ގައި އޭނާ ކުޅެން ޖެހުނު ރޯލަކީ މިހާތަނަށް ކުޅެން ލިބުނު އެންމެ އުނދަގޫ އަދި ޗެލެންޖިން ރޯލް ކަމަށެވެ.

އެހެން ނަމަވެސް ފިލްމްގައި ދައްކުވައި ދޭ ޒަމާނަށް އޭނާގެ ކެރެކްޓާ ފިޓް ކުރުމުގެ ގޮތުން އެ ދުވަސްވަރުގެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ ވަހީދާ ރަހުމާއި ސުޗިތުރާ ސެން ފަދަ ބަތަލާއިންގެ މަސައްކަތްތައް ބަލާފައިވާ ކަމަށް ސޮނާކްޝީ ބުންޏެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ލުޓޭރާ" ބިނާކޮށްފައި ވަނީ އެމެރިކާގެ މަޝްހޫރު ލިޔުންތެރިޔާ އޯ ހެންރީގެ ވާހަކަ "ދަ ލާސްޓް ލީފް" ގެ މައްޗަށެވެ.

ނަމަވެސް މޮޓްވާނޭ ބުނީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެެވެ. އޭނާ ބުނީ "ލުޓޭރާ" ގެ ވާހަކަ "ދަ ލާސްޓް ލީފް" އިން އިސްޕަޔާ ކުރި ކަމަށެވެ. އަދި އެ ވާހަކަ އާއި ފިލްމްގެ ހާދިސާތަކުގައި ބޮޑެތި ތަފާތުތަކެއް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

"ލުޓޭރާ" ސިނަމާތަކަށް އަންނާނީ ޖުލައި 5 ގަ އެވެ.