ޓެރަރިޒަމްގެ ކުށް ސާބިތުވެ 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ގޭބަންދުން އަނެއްކާވެސް ޖަލަށް ބަދަލުކޮށްފިއެވެ.
ޝެއިޚް އިމްރާން ޖަލަށް ބަދަލުކޮށްފައިވާކަން ކަރެކްޝަންސް އިން ވަނީ ކަށަވަރުކޮށްފައެވެ. ނަމަވެސް އިތުރު އެއްވެސް އެއްޗެއް އެކަމާ ގުޅޭގޮތުން ހާމަކޮށްފައެއް ނުވެއެވެ.
ޖަލު ބަންދުން އިމްރާން ގޭބަންދަށް ބަދަލުކޮށްފައިވަނީ އަނބިކަނބަލުން ވިހެއުމާއި ގުޅިގެންނެވެ. އިމްރާން ގޭބަންދަށް ބަދަލުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ.

އޭގެ ކުރިންވެސް ރަމަޟާން މަހު ގޭބަންދަށް ބަދަލުކުރުމަށްފަހު އިދިކޮޅު ފަރާތްތަކުންގެ ސިޔާސީ ހަރަކާތްތައް މާލޭގައި ގިނަވެފައިވާ ދަނޑިވަޅެއްގައި އިމްރާން ވަނީ އަނެއްކާވެސް ޖަލު ބަންދަށް ބަދަލުކޮށްފައެވެ.
އެފަހަރު އިމްރާން ބަހައްޓާފައިވަނީ ބޮޑެތި ކުށްވެރިން ބަންދުކޮށްފައި ތިބޭ ޔުނިޓުގައެވެ. އިމްރާންގެ އަނބިކަނބަލުން ވަނީ އެކަމުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ހޯމް މިނިސްޓަރު ވިދާޅުވީ އިމްރާން ގޭބަންދަށް ބަދަލުކުރީ ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް ބަޔާންކޮށް އެއްބަސްވުމަށްފަހުގައި ކަމަށެވެ.