Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ހުނަރުވެރި ކުޅުންތެރިން ތިބީ އަތޮޅުތަކުގައި: ސާންތި

ގައުމީ 19 އަހަރުން ދަށުގެ ޓީމާއި އައްޑޫން ހޮވާލެވުނު 19 އަހަރުން ދަށުގެ ޓީމް ކުޅުނު މެޗުން ފެނިގެން ދިޔައީ އަތޮޅުތެރޭގައި އޮތް ހުނަރު ކަމަށް އެފްއޭއެމްގެ ޔޫތު ޓީމް ކޯޗު އިހްސާން އަބްދުލް ޢަނީ (ސާންތި) ބުނެފިއެވެ.

އައްޑޫ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗަށް ފަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ސާންތި ވިދާޅުވީ އައްޑޫ ޓީމުން ހުނަރުވެރި ގިނަ ކުޅުންތެރިން ފެނިގެން ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފުރަތަމަ 45 މިނިޓް މި ހިފައްޓާލަން ޖެހުނީ ގޯލެއް ސްކޯ ނުކުރެވި، ހަގީގަތުގައި މިއަދު މި ފެނިގެން މިދިޔައީ އަތޮޅު ތެރޭގައި އޮތް ޓެލެންޓް، މާލޭގައި ނޫން ޓެލެންޓް އޮތީ، އަޅުގަނޑުމެންގެ ރައީސް ބޭނުންވަނީ އެ ޓެލެންޓް ހޯދަން، އެކަން މި ކުރަނީ"

މިއަދު ކުޅުނު މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ފުރަތަމަ ހާފްގައި ގިނައިން ބޯޅަ ގެންގުޅުނީ އައްޑޫ ޓީމުންނެވެ. ނަމަވެސް ލަނޑު ޖަހާނެ މާ ބޮޑު ފުރުސަތެއް ތަނަވަސް ކުރެވޭ ގޮތެއް ނުވިއެވެ.

19 އަހަރުން ދަށުގެ ގައުމީ ޓީމް ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ ފަހު ހާފްގައެވެ.

"އަޅުގަނޑުމެން މިކޮޅަށް މިގެނައީ މިވަގުތު މާލޭގައި އޮތް ކުޅުންތެރިންގެ ސްކޮޑެއް، ބެސްޓް މިއޮތީ އަތޮޅު ތެރޭގައި"

ސާންތި ބުނީ އައްޑޫ ޓީމުން ފެނުނު ހަތަރު ކުޅުންތެރިން ޓީމަށް ނެގުމަށް މިހާރުވެސް އެފްއޭއެމްގެ ރައީސްއަށް ދަންނަވާފައިވާ ކަމަށެވެ. އަދި އެކުޅުންތެރިން ޓީމާއި ގުޅޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ.

މެޗްގެ ކުރިން މިއަދު ހެނދުނު އެފްއޭއެމްއިން ބޭއްވި ނޫސް ކޮންފަރެންސްގައިވެސް ސާންތި ވަނީ ހުނަރުވެރި ކުޅުންތެރިން ޓީމަށް ނަގާނެ ވާހަކަ ބުނެފައެވެ. ސާންތި ބުނީ ހުނަރުވެރި ކުޅުންތެރިން ނެގުމަށްފަހު ބާކީ ތިބި ކުޅުންތެރިންވެސް ބަރާބަރަށް ކޯޗެއްގެ އިރުޝާދުގެ ދަށުން ތަމްރީން ކުރަމުންދާނެކަމަށެވެ.