Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ނަޝީދުގެ އޮޕަރޭޝަން ވެސް ކުރާނީ ހިތަދޫ ހޮސްޕިޓަލްގައި: އައިބީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަން ވެސް ކުރާނީ އައްޑޫގައި ހަދާ ހޮސްޕިޓަލުގައި ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ އައްޑޫގެ ތަރައްގީގެ ވާހަކަ ފާއިތުވި ހުރިހާ ސަރުކާރުތަކުން ވެސް ދެއްކި ކަމަށެވެ. އެކަމަކު ތަރައްގީ ގެނެސް ދެއްވަނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް ވިދާޅުވި އެވެ.

"މުހައްމަދު ނަޝީދުގެ އުނަގަނޑުގެ އޮޕަރޭޝަން ވެސް ވެސް ކުރާނީ ހިތަދޫގައި މި ހަދާ ހޮސްޕިޓަލްގައި އިރާދަކުރެއްވިއްޔާ. އިނގިރޭސިވިލާތުގައި ނުވިއެއްނު ތިކަމެއް،" އައިބީ ވިދާޅުވި އެވެ. "އަވަށްޓެރި ގައުމަކުން ވެސް ނުވިއެއްނު. އެހެންވީމާ އެމްޑީޕީގައި ތިބި މަދު މެމްބަރުންނަށް ވެސް އަޅުގަނޑު ދަންނަވާނީ ނަޝީދުގެ އުނަގަނޑުގެ އޮޕަރޭޝަން ވެސް ކުރާނީ މި ހޮސްޕިޓަލްގައޭ. އެކަން ކުރެވޭނެ ވަސީލަތްތައް ވެސް ހުންނާނެ. އެމްއާރްއައި ހުންނާނެ. ސީޓީ ސްކޭން ކުރެވެން ހުންނާނެ. ހުރިހާ ވަސީލަތެއް ހުންނާނެ. ވަޑައިގަންނަވާށޭ."

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އައިބީ ވިދާޅުވީ އެ މަނިކުފާން ވެރިކަން ދޫކުރައްވައި ވަޑައިގަތީ އައްޑޫ ވީރާނާކޮށްލައި، ރާއްޖޭގެ އިޖުތިމާއީ ވެށި ވެސް ހަލާކުކޮށްފައި ކަމަށެވެ. އަދި ރާއްޖޭގައި ކުށްތައް ގިނަވީ އޭގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

އެކަމަކު ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ރާއްޖެ އަމާން ކުރަން ކަމަށް ވިދާޅުވި އެވެ.