އައްޑޫ ސިޓީ އަކުން ދެން އެމްޑީޕީ އަށް މެޖޯރިޓީ ނުނެގޭނެ ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު (ޝާޑް) ވިދާޅުވެއްޖެ އެވެ.
ޝާޑު މިހެން ވިދާޅުވެފައި ވަނީ ހުކުރު ދުވަހުގެ ރޭ، ހިތަދޫގައި ޕީޕީއެމް އިން ބޭއްވި "އަފިރިންނަސް ތައްޔާރަ" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"ލާހިކައެއް ނޫން މިއައްޑޫ އަތޮޅުން ދެނެއް ތިބުނާ އެމްޑީޕީ އަކަށް މެޖޯރިޓީ ކީއްކުރަންތޯ މައިނޯރިޓީ ވެސް ނަގާކަށް،"
އައްޑޫގައި ޕީޕީއެމް އަށް ތާއީދު އިތުރުވެފައިވާ ކަން ފާހަގަކުރައްވައި ވާހަކަ ދައްކަވަމުން ޝާޑު ވިދާޅުވީ، އައްޑޫ ރައްޔިތުންނަށް ލިބެމުންދާ ހިތްހަމަޖެހުމާއި ހުރިހާ ކުރިއެރުމެއް ވަނީ ރައީސް ޔާމީން އާއި އެކުގައި ކަމަށެވެ.
މީގެ އިތުރުން މިރޭގެ ޖަލްސާގައި ޝާޑު ވަނީ ކައުންސިލް އިންތިހާބުން ޕީޕީއެމް އަށް އައްޑޫން ލިބުނު ނާކާމިޔާބީ އާއި ގުޅިގެން އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ވެސް ރައްދު ދެއްވާފައެވެ.
ޝާޑު ވިދާޅުވީ، ވަރަށް ފަސޭހައިން ހަތެއް ސުމެއް ކިޔަމުން ގެންދާ ކަމަށާއި އެހެން ނަމަވެސް މި ވަޑައިގެންނެވީ ލީގު ކުޅުއްވާފައި ކަމަށާއި ފައިނަލް ކާމިޔާބު ކުރައްވާނީ އެކެއް ސުމަކުން ކަމަށެވެ.