Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

"މެޑަމްގެ ތާއީދު ނެތް ނަމަ ރައީސް ޔާމީނަށް ވަރަށް އުނދަގޫ ވާނެ"

ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ ތާއީދު އަނބުރާ ގެންދަވައިފި ނަމަ އެކަމާއި ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ހިތާމަކުރައްވާނެ ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު(ޝާޑު) ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝާޑު މިހެން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ހިތަދޫގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"ރައީސް ޔާމީނަށް ތަންކޮޅެއް އުނދަގޫވާނެ، ދަތިވެދާނެ. ތަންކޮޅެއް ނޫން. ވަރަށްބޮޑަށް އުނދަގޫވާނެ އެކަމަނާ ރައީސް ޔާމީނަށް ކުރައްވާ ތާއީދު އަނބުރާ ގެންގޮސްފިއްޔާމު ވަރަށް ބޮޑަަށް ދެރަވާނެ." ޝާޑު ވިދާޅުވިއެވެ.

ޝާޑު ވިދާޅުވި އިދިކޮޅު ލީޑަރުން ތަކެއް ތާއީދު އަނބުރާ ގެންދެވި ނަމަވެސް ރައީސް ޔާމީންގެ ހިތްޕުޅަށް "ކަހެރިވަކެކޭ ވެސް ނާރާނެ" ކަމަށެވެ. އެހެން ނަމަވެސް ރައީސްގެ އަނބިކަނބަލުން ތާއީދު އަނބުރާ ގެންގޮސްފި ނަމަ އެކަމާއި ޚުދު ރައީސް ޔާމީން ވެސް ވަރަށް ހިތާމަ ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ޝާޑު ވިދާޅުވީ ފާތިމަތު އިބްރާހިމް ގެންދަވަނީ 2013 ވަނަ އަހަރުން ފެށިގެން ރައީސް ޔާމީނަށް ތާއީދު އިތުރުކުރުމަށް މަސައްކަތްޕުޅު ކުރައްވަމުން ކަމަށާއި އެކަން ވަރަށް ގާތުން ފެނިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ޔާމީން އަށް އެމަނިކުފާނުގެ އަނބިކަނބަލުންގެ ތާއީދު އަނބުރާ ގެންގޮސްފި ނަމަ ކަންތައް ވާނެ ގޮތުގެ ވާހަކަ ޝާޑު ވިދާޅުވެފައި ވާއިރު ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ފަސްޓް ލޭޑީ 2018 އަށް ކެމްޕެއިން ކުރާ ކަމަށް ވެސް ތުހުމަތު ކުރެއެވެ.

އަދި ރައީސް ޔާމީން އާއި ޕީޕީއެމްގެ އެކި ކެމްޕެއިން ހަރަކާތްތަކުގައި ފަސްޓް ލޭޑީ ހަރަކާތްތެރިވާތީ އިދިކޮޅު ފަރާތްތަކުން ވެސް ގެންދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.