Last Updated: June 17, 11:22
Wednesday, June 17, 2026
ކުޅިވަރު

ހަޑަސްފީލްޑް އަތުން ބަލިވެ ޔުނައިޓެޑަށް ނުތަނަވަސްކަން

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑު މިސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިވެ ހާސްކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ.

އިއްޔެ، މިސީޒަނުގައި އަލަށް ޕްރޮމޯޓްވި ހަޑަސްފީލްޑް ޓައުންއާ ދެކޮޅަށް ޔުނައިޓެޑު ކުޅުނު މެޗުން ބަލިވެފައިވަނީ 2-1 އިންނެވެ. މިއީ މިސީޒަނުގައިވެސް ޔުނައިޓެޑަށް ކުރިމަތިވި ފުރަތަމަ ބައްޔެވެ.

އަނިޔާގެ ސަބަބުން ޔުނައިޓެޑުގެ އެންމެ މުހިންމު އެއް ޑިފެންޑަރު ފިލް ޖޯންސް ފުރަތަމަ ހާފުގެ ކުރީކޮޅު ބާލަން ޖެހުމާއެކު ޔުނައިޓެޑަށް ވަނީ ޕްރެޝަރު ކުރިމަތިވެފައެވެ. ޖޯންސްގެ ބަދަލުގައި ޒުވާން ޑިފެންޑަރު ލިންޑެލޮފް ކުޅެން ނިކުތުމާއެކު ހަޑަސްފީލްޑުން ވަނީ ގޯލު ޖަހާފައެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ހަޑަސްފީލްޑުގެ އަރޮން މޫއި ޖަހާދިން ގޯލާއެކު އެޓީމު ލީޑު ނެގިއެވެ. އޭނާގެ ގޯލަށް ފަސް މިނެޓުވެސް ނުވަނީސް ޑިފެންޑަރު ލިންޑެލޮފް ހެދި ގޯހަކުން ހަޑަސްފީލްޑުގެ ލައުރެންޓް ޑިޕޮއިޓް ވަނީ ލީޑު ފުޅާކޮށްފައެވެ.

ޔުނައިޓެޑުގެ ހަމައެކަނި ލަނޑު 78 ވަނަ މިނެޓުގައި ޖަހާފައިވަނީ މާކަސް ރަޝްފޮޑްއެވެ. މެޗަށްފަހު މޮރީނިއޯ ވަނީ އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ދަށް ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ރޭގެ ބައްޔާއެކު ޔުނައިޓެޑާއި ސިޓީއާ ދެމެދު އޮތް ފަރަގު 5 ޕޮއިންޓަށް ވަނީ އިތުރުވެފައެވެ. ސިޓީއާއި ބާންލީ ކުޅުނު މެޗު ސިޓީ ވަނީ 0-3 އިން ކާމިޔާބުކޮށްފައެވެ.