އައްޑޫގެ އާ ހޮސްޕިޓަލްގެ މަސައްކަތް ނިމި، ހޮސްޕިޓަލް ހުޅުވުމުން އެހޮސްޕިޓަލަށް މާލެއިންވެސް މީހުން އަންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވަނީ އީސީސީ ރޫޅާލުމަށްފަހު އެތަނުގައި އަޅާ ޓާޝިއަރީ ހޮސްޕިޓަލުން މާލޭގެ ހޮސްޕިޓަލުތަކުންވެސް ނުލިބޭނެފަަދަ ފެންވަރު ރަނގަޅު ޚިދުމަތް ލިބޭނެ ކަމުގެ ޔަގީން ކަން އައްޑޫ ރައްޔިތުންނަށް އަރުވާފައެވެ.
ނަމަވެސް އޭގެ ތަފްސީލެއް އަދި މިނިސްޓަރު ހާމަކޮށްފައެއް ނުވެއެވެ.
"އަޅުގަނޑު އެކަމުގެ އަމަލީ މަސައްކަތުގައި އުޅޭ މީހަކަށް ވާތީ މި ދަންނަވަނީ، އެ ހޮސްޕިޓަލް އިން މާލެއިން ނުލިބޭ ހިދުމަތްތަކެއް ލިބޭނެ. އޭރުން މާލެއިން މީހުން ބޭސްފަރުވާއަށް އައްޑޫއަށް އަންނާނެ." މިނިސްޓަރ ވިދާޅުވި އެވެ.
އަންނަ އަހަރަށް ހޮސްޕިޓަލް ނިމޭނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވާއިރު ހޮސްޕިޓަލުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެންމެ ފަހުން މުއިއްޒު އައްޑުއަށް ވަޑައިގެން ޕްރޮޖެކްޓު ބެއްލެވުމަށްފަހު ވިދާޅުވެފައިވެއެވެ.

ޓާޝިއަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރީ މިހޮސްޕިޓަލަކީ ރާއްޖޭގައި ނެތް ފެންވަރެއްގެ ހޮސްޕިޓަލެއް ކަމަށް ސަރުކާރުން ވިދާޅުވަމުން އަންނައިރު މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ހުރި ފެންވަރުން އެކްސިޑެންޓެއްވެ ސީރިއަސް އަނިޔާއެއް ލިބިއްޖެނަމަ ދާން ޖެހެނީ ފްލައިޓު ޗާޓަރު ކޮށްގެން މާލެއަށެވެ.
Minister @MMuizzu visited the ongoing project site of tertiary hospital development at Addu City Hithadhoo today and monitored the progress pic.twitter.com/NAc30liaD9
— housing.gov.mv (@HousingGovMv) October 21, 2017
ޒަމާނީ ޚިދުމަތްތައް ލިބޭ ފެންވަރު ރަނގަޅު ހޮސްޕިޓަލެއްގެ އިންތިޒާރުގައި އައްޑޫ ރައްޔިތުން ތިބޭތާ އެތައް ދުވަހެއް ވެފައިވާއިރު މިސަރުކާރުން ވެފައިވާ ވައުދު ފުއްދައި، އައްޑޫގައި އަޅާ ޓާޝިއަރީ ހޮސްޕިޓަލް އަންނަ އަހަރުގެ ޖޫން މަހުގައި ހުޅުވޭނެ ކަމަށް ހައުސިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.