ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ގޭ ބަންދުން އަނބުރާ ޖަލަށް ބަދަލުކޮށްފައި ވަނީ ރައީސް ޔާމީން ބިރުފުޅުގަންނަވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރޮޒޭ ވިދާޅުވީ ޝެއިޚް އިމްރާން ގެއަށް ގެންނެވީ ބޭރާއި އެތެރެއިން ދައްކަމުންދިޔަ ވާހަކަތަކުގެ ޕްރެޝަރުގެ ސަބަބުން ކަމަށެވެ.
"އަބަދުވެސް ރައީސް ޔާމީން ވަރަށް ބިރުގަންނަ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މިފެންނަނީ އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުން މަޝްވަރާކޮށްގެން ކަންތައްތައް ނިންމަމުން ގެންދާކަމަށް ވަންޏާމުން."
ރޮޒޭ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މަޝްވަރާކޮށްގެން ކުރަމުންދާ ކަންކަމަކީ ރައީސް ޔާމީން އަބަދުވެސް ބިރުގަންނަ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީނަކީ އެއްވެސް އިރެއްގައި އެކަނި ނޫން ގޮތަކަށް އިންތިޚާބަކަށް ވަޑައިގަންނަވަން ކެރިވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށް ވެސް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ވިދާޅުވި ނަމަވެސް ބައިއިލެކްޝަނެއް ނުބާއްވާތީ އެކަމާއި ގުޅިގެން ވެސް ރޮޒޭ ވަނީ ރައީސް ޔާމީނަށް ފާޑު ވިދާޅުވެފައެވެ.
ރޮޒޭ ވިދާޅުވީ، ބައި އިލެކްޝަނެއް ބާއްވަން ކެރިވަޑައިނުގަންނަވަނީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ.