Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

އެމްޑީޕީގެ ހިތަދޫ ބިމުގައި މަސައްކަތް ނުކުރަން އަންގައިފި!

ހިތަދޫން އެމްޑީޕީއަށް ދޫކޮށްފައިވާ ބިމުގައި އިމާރާތް ކުރުމަށް ފަށާފައި

އަންދާލި ހިތަދޫ ޕޮލިސް ޓްރޭނިން ސްކޫލް ހުރި ސަރަހައްދުން އެމްޑީޕީއަށް ދޫކޮށްފައިވާ ބިމުގައި މަސައްކަތް ނުކުރުމަށް އެ ޕާޓީ އަށް އަންގާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވީ ކުރީގެ ޕޮލިސް ޓްރޭނިން ސްކޫލް ހުރި ސަރަހައްދުން އެމްޑީޕީގެ އޮފީސް އެޅުމަށް ދޫކުރި ބިމުގެ މަސައްކަތް ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ.

ސޯބެ ވިދާޅުވީ އެގޮތަށް އެ ޕާޓީ އަށް އެންގީ ޕޮލިސް ޓްރޭނިން ސެންޓަރު ހުރި ސަރަހައްދުގައި ހިތަދޫގައި އެޅުމަށް ހަމަޖެހިފައިވާ އާ ހޮސްޕިޓަލް އެޅުމަށް ކައުންސިލްގެ ވިސްނުން ހުރުމުން އެ ސަރަހައްދުގައި ސިޔާސީ ޕީޓީއެއްގެ އޮފީސް ހުރުމުން މައްސަލަތެކެއް ނިކުމެދާނެތީ އެވެ.

"އަޅުގަނޑުމެން މިހާރު ވާނީ އެމްޑީޕީގެ އިސްވެރިންނަށް އަންގާފައި އެތަނުގައި މަސައްކަތް ކުރިއަށް ނުގެންދަން،" ސޯބެ ވިދާޅުވި އެވެ.

އެމްޑީޕީގެ ބިމުގައި އެ ޕާޓީން ވަނީ އިމާރާތެއްގެ ފައުންޑޭޝަން އަލައި ކޮލަމް ވެސް ޖަހާފަ އެވެ. ސޯބެ ވިދާޅުވީ ކައުންސިލުން ނިންމާފައި ވަނީ ކޮށްފައިވާ މަސައްކަތަށް ބަދަލު ދިނުމަށް ފަހުން ބިން ނެގުމަށެވެ. އަދި އެހެން ތަނަކުން އެމްޑީޕީ އަށް ބިމެއް ހަމަޖައްސައި ދިނުމަށެވެ.

"އަޅުގަނޑުމެން ގަބޫލް ކުރަން ސިޔާސީ ޕާޓީތަކަށް ހަމަޖެހިފައިވާ އުސޫލުން ޕާޓީ ހަރަކާތް ހިންގުމަށް ބިން ހަމަޖެއްސުމަށް. ޑީއާރްޕީން ވެސް އެބަހުރި އިމާރާތެއް އަޅާފައި. އަޅުގަނޑު ނުދަންނަވަން އެ އިމާރާތް ހުރީ އެންމެ ރަނގަޅު ތަނުގައޭ އެޅިފައި. އެކަމަކު އެބަޖެހޭ ބިން ދޭން. އެމްޑީޕީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ބިން ކައުންސިލުން ނަގާ އިރު ބަދަލު ދިނުމަށް ވިސްނަފައިވާ އިރު ސާކް ސަމިޓަށް އިމާރާތް ކުރި ކޮންވެންޝަން ސެންޓަރު ހިމެނޭ ސަރަހައްދުން ގިނަ ގޯތިތައް ކައުންސިލަށް ނަގަފައިވާ އިރު އޭގެ ތެރެއިން ބައެއް ގޯތިތަކުގައި ހުރި އިމާރާތްތަކަށް އަދިވެސް ކައުންސިލުން ބަދަލު ދީފައެއް ނުވެ އެވެ. އަދި ބައެއް ގޮތީގެ ވެރި ފަރާތަށް ބަދަލު ދޭން ނުޖެ ހޭކަމަށް ބުނެ ކައުންސިލްގެ އިންފްރާސްޓްރަކްޗާ އިން ވަނީ ސިޓީ ފޮނުވާފަ އެވެ.