Last Updated: June 17, 11:22
Wednesday, June 17, 2026
ޚަބަރު

އަވަގުރާނަ ގޮވަނީ ކިޔާނެ އެއްޗެއް ނެތީމަ: ނިޒާރު

ބޮޑެތި ޚަރަދުކޮށް ޖަލްސާ ބޭއްވުމަށްފަހު އިދިކޮޅު ފަރާތްތަކަށް ޖެއްސުންކޮށް އަވަގުރާނަ ގޮވަނީ ކުރިމަގާމެދު ބުނާނެ އެއްޗެއް ނެތުމުން ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ރޭ ރައީސް އަނބިކަނބަލުން ފާތުމަތު އިބްރާހިމް ބައިވެރިވެވަޑައިގެން އައްޑޫގައި ބޭއްވި ޖަލްސާއަށް ނިސްބަތްކޮށް ނިޒާރު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިސަރުކާރުގެ ބޭފުޅުން ޖެއްސުންކޮށް އަވަގުރާނަ ގޮވަނީ ދައްކާނެ ރަނގަޅު ވާހަކައެއް ނެތުމުން ކަމަށެވެ.

އަދި މިހާރު ރައީސް ޔާމީނޭ ބުނެ ދައްކާނެ ރަނގަޅު ވާހަކައެއް ނެތް ކަމަށްބުނެ ނިޒާރު ވަނީ ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުންނަށް ފާޑުވިދާޅުވެފައެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމްދީދީ ވަނީ އިދިކޮޅު ފަރާތްތަކަށް، ޚާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އައިބީގެ ވާހަކައިގައި ނަޝީދު ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދަނިކޮށް އުނގަނޑުގެ އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށްފަހު އެނބުރިވަޑައިނުގަނެ އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދެވުމުން، ބޭރުން ނަޝީދަށް ފަރުވާ ނުކުރެވުނު ކަމަށާއި ނަޝީދުގެ އޮޕަރޭޝަން އައްޑޫ އާ ހޮސްޕިޓަލް ހުޅުވުމުން އެތަނުގައި ކުރުމަށް ގޮވާލައި ފާޑުކިޔާފައިވެއެވެ.

އައިބީގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު ޝާޑުވެސް ވަނީ އައްޑޫން ދެން އެމްޑީޕީއަށް މެޖޯރިޓީ ނުލިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. ނަމަވެސް މިއަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް އައްޑޫގެ 7 ގޮނޑިވެސް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައިކަން ފާހަގަކޮށްލެވެއެވެ.