އައްޑޫ ރައްޔިތުން ބޭނުންވަނީ ޔާމީން ކަހަލަވެރިއެއް ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ދެއްކެވި ވާހަކައަށް ކުރީގެ ބަންޑާރަ ނައިބް އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ފާޑު ވިދާޅުވެއްޖެއެވެ.
އައްޑޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ހުސްނުއް ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އައްޑޫ މީހުން ބޭނުންވާ ގޮތް ސައީދަށް" ނޭގޭނެކަމަށެވެ.
ރޭ ހިތަދޫގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ "ދިވެހިރާއްޖެ ތަރައްގީ ކުރި އެއްވެސް ޒަމާނެއް އޮތް ނަމަ އެ ޒަމާނެއްގެ އެންމެ ބޮޑު ހިއްސާއެއް އޮންނާނީ އައްޑޫ ސިޓީގައި،" ކަމަށެވެ.
ސައީދު ވިދާޅުވީ "އައްޑޫ ރައްޔިތުންނަކީ ފަތުރުވެރިކަމުގެ ވެސް ލޭނާރު. އައްޑޫ ރައްޔިތުންނަކީ އިލްމީ ބައެއް. މަސައްކަތްތެރި ބައެެއް." ކަމަށެވެ.
ރޭގެ ޖަލްސާގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަލީ މައުރޫފްވެސް ވަނީ އައްޑޫ އަކީ ރާއްޖޭގެ އެންމެ ތައުލީމީ މީހުންތިބި ސިޓީކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
ރޭ ޕީޕީއެމްއިން އައްޑޫގައި ބޭއްވި ޖަލްސާގައި އިދިކޮޅު ފަރާތްތަކަށާއި އައްޑޫގެ ބައެއް މެމްބަރުންނަށް އަމާޒުކޮށް "ހަޑި ހުތުރު" އެއްޗެހި ވަނީ ގޮވާފައެވެ.