އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާއި އާސެނަލް ބައްދަލުކުރި މެޗު 5-2 އިން އާސެނަލް ކާމިޔާބުކޮށްފިއެވެ.
މެޗުން އާސެނަލް މޮޅުވެފައިވަނީ 12 ވަނަ މިނެޓުގައި ރޫނީ އެވަޓަންއަށް ލީޑު ނަގާދީފައިވަނިކޮށް، ފަހަތުން އަރައިގެންނެވެ. މިއީ ރޫނީ އޭނާގެ ކެރިއަރުގައި އާސެނަލްއާ ދެކޮޅަށް ޖެހި 15 ވަނަ ގޯލެވެ.
ރޫނީގެ ލަނޑަށްފަހު އާސެނަލްއިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކުރިއެވެ. މިލަނޑު 40 ވަނަ މިނެޓުގައި ޖަހާފައިވަނީ މޮންރެއާލްއެވެ.
ވެންގާގެ ޓީމު ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު އޮޒިލްއާއި ލަކަސެޓްގެ ގޯލުން 75 ވަނަ މިނެޓުވީއިރު އާސެނަލް ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. 90 ވަނަ މިނެޓުގައި ރަމްސޭ ވަނީ ނަތީޖާ 4-1 އަށް ބަދަލުކޮށްފައެވެ.
އެވަޓަންގެ ނިއާސް ގޯލު ޖަހާފައިވަނީ 90 މިނެޓު ހަމަވެގެން އިތުރު ވަގުތުގައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް އާސެނަލްގެ އެލެކްސިސް ސަންޗޭޒް ވަނީ ފަސްވަނަ ގޯލު އާސެނަލްއަށް ކާމިޔާބުކޮށް އެވަޓަންގެ ބަލި ފައި މައްޗަށް ފޮއެ ވައްޓާލާފައެވެ.