Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

އެންސްޕާ އާއި ބައި އިލެކްޝަނަށް ސަޕްލިމެންޓްރީ ބަޖެޓެއް

އަންނަ އަންގާރަ ދުވަހު މަޖްލިސްއަށް ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓްގެ މައިގަނޑު އަމާޒު ހުރީ އެންސްޕާ އަދި ބައި އިލެކްޝަނަށް ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ފަހުގެ ތާރީހެއްގައި ސަރުކާރުން ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓް އާއި ގުޅޭގޮތުން ރާއްޖޭގެ މީޑިއާއަކަށް ނިހާން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް އަމާޒު ކޮށްފައިވަނީ އެންސްޕާ އަދި އާސަންދައިން ދޭ ހިދްމަތަށް ބުރޫ ނާރާ ގޮތަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ އާއި ބައި އިލެކްޝަނަށް ބޭނުންވާ ފައިސާ ހިމަނައިގެން ކަމަށެވެ.

ނިހާން ވިދާޅުވީ ސަރުކާރުގެ ސިއްހީ ނިޒާމަށް މިއަހަރު ލަފާކުރި ބަޖެޓް އަހަރުގެ ފުރަތަމަ ހަމަސް ނިމުނު އިރު ހުސްވެފައިވާ ކަމަށާއި މި ހިދްމަތް ނުހުއްޓި ކުރިއަށް ގެންދަން ސަރުކާރުން ބޭނުންވާ ކަމަށެވެ. ނަމަވެސް ބަޖެޓްގައި ހިމަނާފައިވަނީ ކިހާ އަދަދެއްކަން ނިހާން ވިދާޅެއް ނުވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހަ ދާއިރާއެއްގެ ބައި އިލެކްޝަނަށް ބޭނުންވާ ފައިސާ ވަނީ ބަޖެޓްގައި ހިމަނާފައެވެ. މަޖްލިސްގެ ހަ ދާއިރާއެއްގެ ގޮޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކަމިޝަނުން އިއްލާން ކުރި ނަމަވެސް އިންތިހާބް ނުބޭއްވިގެން އުޅެނީ އިލެކްޝަނަށް ފައިސާ ހަމަ ނުޖެހިގެންނެވެ.

ދައުލަތުން ސަޕްލިމެންޓްރީ ބަޖެޓެއް މަޖްލިސްއަށް ހުށަހަޅާއިރު ދައުލަތުގެ ހަރަދު ބޮޑުވުމުގެ މައްސަލާގައި އިދިކޮޅު އަބަދުވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.