ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުން އުޅުއްވަނީ "ބޮލަށް ފިތިފައިތިބޭ ތާވަޅައެއް" އުޅޭހެން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ޕީޕީއެމް އިން "އަފިރިންނަސް ތައްޔާރަ" ގެ ނަމުގައި ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ، އިދިކޮޅު ހަތަރު ލީޑަރުން ކަމަށް ބުނާ ބޭފުޅުން މުޅި ދިވެހި ގައުމު ކަތިލާ ފޮތިފޮތި ކޮށްލަމުންދާ ކަމަށެވެ. އަދި އެއީ އެ ހަތަރު ލީޑަރުންނަށް ލިބިވަޑައިގެންވާ ހައްގެއް ނޫން ކަމަށާޢި ދިވެހި ގައުމަކީ ހަމައެކަނި އިދިކޮޅު ހަތަރު ލީޑަރުންގެ ގައުމެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.
އިދިކޮޅު ހަތަރު ލީޑަރެއްގެ ވާހަކަ ދެއްކެވި ނަމަވެސް އެއިން އެއްވެސް ބޭފުޅެއްގެ ނަމެއް ސައީދު ވިދާޅު ނުވެއެވެ.
މިނިސްޓަރު ސައީދުގެ އިތުރުން ވެސް ހިތަދޫގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި އެޕާޓީގެ ބައެއް މަޖިލިސް މެންބަރުން ވެސް ވަނީ ވަރަށް ހުތުރު ބަސްތަކެއް ބޭނުންކުރައްވައި އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.
އެގޮތުން އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވެސް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.