Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ހުޅުދޫ އާއި މީދޫ ކައުންސިލަރުން "ގަނެލަން" ހަ މިލިއަން ހުށަހެޅި!

މީދޫ ކައުންސިލަރު ހިޔާޟު އަދި ހުޅުދޫ ކައުންސިލަރު އިބްރާހިމް ޝުކުރީ

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމް ދީދީ އައްޑު އަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި މިދިޔަ ހޮނިހިރު ދުވަހު ހުޅުދޫ އަދި މީދޫއަށް ވަޑައިގެންނެވި ރަސްމިއްޔާތުގައި ހުޅުދޫ އަދި މީދޫގެ ކައުންސިލަރުން ޕީޕީއެމަށް ސޮއި ކުރުމަށް ކޮންމެ ކައުންސިލަރަކަށް ތިން މިލިއަން ރުފިޔާ ހުށަހެޅިކަން އެނގިއްޖެ އެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުދޫ ކައުންސިލަރު އިބްރާހިމް ޝުކުރީ އާއި މީދޫ ކައުންސިލަރު ހުސެއިން ހިޔާޟު އާއި ބައްދަލުކޮށް ފައިސާއާ އެކު ޕީޕީއެމްއަށް ގުޅެން އެނދުނީ ޕީޕީއެމްގެ ހަރަކާތުގައި އަދި ހާއްސަކޮށް ފާޠިމަތު އިބްރާހިމް ދީދީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ހުޅުދޫ މީހެކެވެ.

ނަމަވެސް ދެ ކައުންސިލަރުން ވެސް ވަނީ ނަފްސު ނުވިއްކާނެ ކަމަށް ބުނެ އެހުށަހެޅުމާއި ދެކޮޅު ހައްދަވާފަ އެވެ. ޕީޕީއެމްއާ ގުޅުމަށް ފައިސާ ހުށަހެޅުއްވި މައްސަލަ އިއްޔެ އެ ދެކައުންސިލަރުން ވަނީ ކައުންސިލަށް ހުށަަހަޅާފަ އެވެ.

މީދޫ ދާއިރާގެ ކައުންސިލަރު ހިޔާޟު "އައްޑޫލައިވް" އަށް ވިދާޅުވީ ފައިސާއަށް ޕީޕީއެމްއަށް ސޮއި ކުރުމަށް އެދުނު ކަމަށެވެ.

"ސޮއި ކުރުމުން ސޮލިޑް ކޭޝް ތިން މިލިއަން ރުފިޔާ ހުށަހެޅީ، އަޅުގަނޑުމެން ބުނިން ނަފްސު ވިއްކަން ޖެހޭ ހާލަތަށް ނުދާ ކަމަށް"

ޕީޕީއެމްގެ ހަރަކާތުގައި އައްޑޫގައި އިސްކޮށް އުޅުއްވާ ފަރާތަކުން ބުނީ ކައުންސިލަރުން ތަކެއް ޕީޕީއެމްއަށް ސޮއި ކުރެވޭތޯ ބެލީ އޭގެ ސަބަބުން ޕާޓީއަށް ކުރިއެރުންތަކެއް ލިބޭނެތީ ކަމަށެވެ.

"އަޅުގަނޑުމެން ބެލީ މެޑަމް ފާޠުން ވަޑައިގަންނަވާ ދަތުރެއްވީމަ ކައުންސިލަރުން ތަކެއް ސޮއި ކުރެވޭތޯ، އެކަމަކު އެކަމެއް އަދި ނުވި، ކުރިއަށް ނުދިޔައީ ކޮން ސަބަބަކާއި ގުޅިގެން ކަން އަދި ސާފެއް ނޫން، ފައިސާ ހުށަހެޅިކަމެއް ނޭގޭ،" އޭނާ ބުންޏެ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ 7 ގޮޑި ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބްގައި ކާމިޔާބް ކުރީ އެމްޑީޕީންނެވެ. މިދިޔަ ތިން ދައުރުގައިވެސް އެމްޑީޕީން ވަނީ ކައުންސިލްގެ ހުރިހާ ގޮޑިއެއް ކާމިޔާބްކޮށްފައެވެ.

ނަމަވެސް މިދިޔަ ދައުރުގައި ހުޅުމީދޫ ކައުންސިލަރު އަލީ މުހައްމަދު ވަނީ ޕީޕީއެމްއަށް ސޮއި ކޮށްފައެވެ.

ހުޅުދޫ އަދި މީދޫގެ ކައުންސިލަރުންނަށް ފައިސާ އާއި އެކު ޕާޓީ ބަދަލު ކުރުމަށް ހުށަހެޅި އިރު ހޮނިހިރު ދުވަހުގެ ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) ވިދާޅުވީ ދެން އެމްޑީޕީއަކަށް އައްޑޫން މެޖޯރިޓީ ހޯދާކަށް ލާހިކައެއް ނޫން ކަމަށެވެ.