Last Updated: June 17, 11:22
Wednesday, June 17, 2026
ކުޅިވަރު

ޕެރިހަށް މާސޭ އަތުން ޕޮއިންޓެއް

ފްރާންސު ލީގުގައި ޕީއެސްޖީއާއި އޮލިމްޕިކް މާސޭ ކުޅުނު ފޯރިގަދަ މެޗު 2-2 އިން އެއްވަރުވެއްޖެއެވެ.

މާސޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ޕެރިހުގެ އުއްމީދީ ފޯވާޑް، ނޭމާއަށް ރެފްރީ ވަނީ ދެރީނދޫ ކާޑާއެކު ރަތް ކާޑުވެސް ދައްކާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ޖަހާފައިވަނީ މާސޭގެ ލުއިޒް ގުސްޓާވޯއެވެ. މާސޭ ލީޑު ނަގާފައިވަނިކޮށް 33 ވަނަ މިނެޓުގައި ނޭމާ ވަނީ ޕެރިހަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މާސޭން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ 78 ވަނަ މިނެޓުގައެވެ. 85 ވަނަ މިނެޓުގައި ރެފްރީ ނޭމާއަށް ރީނދޫ ކާޑެއް ދައްކާފައިވަނިކޮށް 87 ވަނަ މިނެޓުގައި އޭނާއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ.

މެޗުން ބަލިވަނިކޮށް ޕީއެސްޖީއަށް ޕޮއިންޓެއް ހޯދާދީފައިވަނީ ހިލޭ ޖެހުމަކުން އެޑިސަން ކަވާނީއެވެ. މެޗުން ލިބުނު ޕޮއިންޓާއެކު ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައި 26 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މޮނަކޯ އޮތީ 22 ޕޮއިންޓު ލިބިގެންނެވެ.