ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ބޭސްފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެނެސްފިއެވެ.
ނާޒިމް މާލެ ގެނެސްފައިވަނީ އާއިލާއަށާއި ވަކީލުންނަށްވެސް ނާންގައެވެ. ވަކީލުން ބުނެފައިވަނީ އެންގުމެއް ނެތި ކަރެކްޝަންސް އިން ނާޒިމް ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި ނާޒިމް ގެނެސްފައިވަނީ ކޮން ބައްޔަކަށް ފަރުވާ ދިނުމަށް ކަމެއް ސާފުނުވާ ކަމަށެވެ.
ނާޒިމްގެ އެޕާޓްމަންޓުން ފިސްތޯލައެއް ފެނި، ހަތިޔާރު ގެންގުޅުނު މައްސަލައިގައި ހައްޔަރުކޮށް، ދައުލަތުން ކުރި ދައުވާ ސާބިތުވެ 11 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ 2015 ވަނަ އަހަރުގައެވެ.
ނަމަވެސް މިއަހަރު ތެރޭ އޭރު ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަދީބު ވަނީ ނާޒިމްގެ އެޕާޓްމަންޓުން ފެނުނު ފިސްތޯލައިގެ ހަގީގަތް ނާޒިމަށް ނޭނގޭނެ ކަމަށާއި އެކަން ހިނގައިދިޔަގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ބުނެފައެވެ.
އަދި ޝަރުއީ ކޯޓެއްގައި ނާޒިމްގެ ކުށެއްނެތް ކަން ސާބިތުކޮށްދިނުމަށް ފުރުސަތު ދީފިނަމަ ހެކިބަސް ދޭނެ ކަމަށްވެސް އަދީބު ވަނީ ބުނެފައެވެ.