Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ކޮންމެ ގޭބިސީއަކަށް 5 ލެޑް ލައިޓް ދެނީ

ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ކޮންމެ ގޭ ބިސީއަކަށް 5 ލެޑް ލައިޓް ދޭ ގޮތަށް ހަމަޖެހިއްޖެއެވެ. މި ލައިޓްތަކަކީ ޗައިނާ ސަރުކާރުން ހަދިޔާކުރި ލައިޓްތަކެކެވެ.

ޝީ ބިލްޑިންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރާ މިލައިޓްތައް ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާން ލީ ޒޮން އެވެ. ސަރުކާރުގެ ފަރާތުން ލެޑް ލައިޓްތަކާއި ހަވާލުވެވަޑައިގެންނެވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ޗައިނާ އިން ހަދިޔާ ކުރާ ލެޑް ބޮކިތައް ބޭނުންކޮށްގެން ކަރަންޓަށް ކުރެވޭ ހަރަދު ވަރަށް ބޮޑަށް ދަށް ކުރެވޭނެ ކަމަށެވެ. އެގޮތުން ވިދާޅުވީ މިފަހަރު ހަދިޔާކުރި ލެޑް ބޮކިތައް ބޭނުންކުރަން ފެށުމުން ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.

އެންވާރްމަންޓް މިނިސްޓްރީ އިން މައުލޫމާތު ދޭގޮތުގައި ލެޑްލައިޓްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާނީ ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށެވެ. އަދި ފެނަކަ އިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ގޭބިސީތަކުގެ ތެރެއިން ލެޑް ބޮކި ހޯދުމަށް އެދި ހުށަހަޅާފައިވާ ކޮންމެ ގޭ ބިސީއަކަށް 5 ލެޑް ލައިޓްގެ ރޭޓުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޗައިނާ އިން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ހަތަރު ލައްކަ އަށް ވުރެ ގިނަ ލެޑް ބޮކި ދިވެހި ސަރުކާރަށް ހަދިޔާކޮށްފައެވެ.