Last Updated: July 1, 23:10
Wednesday, July 1, 2026
ކުޅިވަރު

ދި ފޭދޫން މަރަދޫކޮޅަށް ލަނޑު ގޯންޏެއް!

ގްލޯބަލް ލިންކްސް ޗެލެންޖް ކަޕްގެ ދެ ވަނަ މެޗްގައި މަރަދޫ ޔުނައިޓެޑް އަދި ދި ފޭދޫ ބައްދަލު ކުރި މެޗް 6-1 ލަނޑުން ދި ފޭދޫ ކާމިޔާބުކޮށްފި އެވެ.

މެޗްގެ ފުރަތަމަ ލަނޑު ފޭދޫއަށް ކާމިޔާބުކޮށް ދިނީ އެޓީމުގެ ޖޯޒީ ނަންބަރު 6 ހުސެއިން ލަތީފް (ކާލޯސް) އެވެ. މެޗްގެ 29 ވަނަ މިނިޓްގައި ކާލޯސް މި ލަނޑު ޖެހުމަށް ފަހު ފޭދޫގެ ދެވަނަ ލަނޑު ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ކަމިޔާބުކޮށް ދިނީ ދެ ލަނޑު ޖަހައި މެޗްގެ މޯލު ކުޅުންތެރިއާގެ މަގާމު ހޯދި ހުސެއިން ސައީދު (ޖ6) އެވެ.

ފުތަރަމަ ހާފް ނިމުނީ 2-0 ލަނޑުން ފޭދޫ ކުރީގައި އޮވެއެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗްގެ ތިންވަނަ ލަނޑު މެޗްގެ 57 ވަނަ މިނިޓްގައި ކާމިޔާބް ކުރި އިރު އޭގެ 10 މިނިޓް ފަހުން އައްމަޓީ ފޭދޫގެ ލީޑު ފުޅާ ކުރި އެވެ.

ފޭދޫން ހަތަރު ލަނޑު ޖަހާފައިވަނިކޮށް މަރަދޫން އެޓީމްުގެ ހަމައެކަނި ލަނޑު މެޗްގެ 81 ވަނަ މިނިޓްގައި ކާމިޔާބު ކުރިއެވެ. މި ލަނޑު މަރަދޫ ޔުނައިޓެޑަށް ކާމިޔާބްކޮށްދިނީ މުހައްމަދު ނިހާދު (ޖ7) އެވެ.

ފޭދޫގެ 5 ވަނަ ލަނޑު ކާމިޔާބްކޮށްދިނީ އަލީ ސަރީރު (ޕީޓަރ)އެވެ. އަދި މެޗްގެ އިތުރުގަޑީގައި ފޭދޫގެ އަހުމަދު ހާފިޒް މެޗްގެ ނަތީޖާ 6-1 ލަަނޑަށް ބަދަ ލުކުރި އެވެ.

މި މެޗްގައި މަރަދޫ ޓީމުގެ ކެޕްޓަން މޫސާ ޔާސިރަށް ރެފްރީ އާރިފް ރަޝީދު ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

މެޗަށް ފަހު ދިފޭދޫގެ ކޯޗް މުހައްމަދު ސައީދު (ސަޑޭ) ބުނީ ނަތީޖާ އާއި މެދު ވަރަށް ހިތް ހަމަޖެހޭ ކަމަށެވެ. އަދި މެޗްގައި ކުޅުންތެރިން ދެއްކި ކުޅުމާއި މެދުވެސް ހިތް ހަމަޖެހޭ ކަމަށެވެ.

މަރަދޫ ޓީމުގެ ކުޅުންތެރިން ބުނީ 11 އަސައިޑް މެޗް ނުކުޅޭތީ ކުޅުންތެރިންގެ ފިޓްނަސް މައްސަލަ ދިމަވީ ކަމަށެވެ. އަދި ކުރިއަށް އޮތް މެޗްތަކުގައި ނަތީޖާ ރަނގަޅު ކުރާނެ ކަމަށެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަށް އިނާމް ދެއްވީ މެޗްގެ ޝަރަފްވެރި މެހުމާން އައްޑޫ ސިޓީ ކައުންސިލް ބިޒްނަސް ޔޫތު އެންޑް ސްޕޯޓްސް އާއި ހަވާލުވެ ހުންނެވި ފޭދޫ ކައުންސިލަރ އަހުމަދު މިރުޒާދުއެވެ.

މި މުބާރާތުގެ މެޗްތަކުގެ މޭން އޮފް ދަ މެޗް މަގާމް ސްޕޮންސާކޮށްފައި ވަނީ ވަތަނިއްޔާގެ ފަރާތުންނެވެ.