ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި އޭރުގެ މާލޭ އޭރިއާ ކޮމާންޑަރ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އިބްރާހިމް ދީދީގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގައި އިބްރާހިމްދީގެ ވަކީލް ބަދަލުވުމުން ލިޔެކިއުން ހުށަހަޅަން އިތުރު ފުރުސަތެއް ދީފިއެވެ.
އިބްރާހިމްދީގެ ކުރީގެ ވަކީލް ދައުވާއިން ތަނާޒަލް ވުމާއި ގުޅިގެން އެމައްސަލާގައި އިބްރާހިމްދީގެ ފަރާތުން މިއަދު ކޯޓަށް ހާޒިރުވީ އިބްރާހިމްދީގެ އާ ވަކީލް ސަފާ ޝަރީފްއެވެ. ސަފާ ވަނީ މިއަދުގެ އަޑުއެހުމުގައި މައްސަލައިގެ ލިޔެ ކިއުން ލިބިފައި ނުވާކަމަށް ވިދާޅުވެފައެވެ. ސަފާ ވަނީ ކުރީގެ ޝަރިއަތްތަކުގެ ރިކޯޑިން ހޯދުމަށްވެސް ކޯޓުގައި އެދިފައެވެ.
ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރު އަލީ އާދަމް ވިދާޅުވީ މައްސަލައިގެ ކުރީގެ ރިކޯޑިން ދެވެން ނޯންނާނެކަމަށާއި ނަމަވެސް ކޯޓަށް ވަޑައިގެން އެ ޝަރީއަތުގެ ރިކޯޑިން އަޑުއަހައި ބޭނުން ކުރެވިދާނެ ކަމަށެވެ.
ގާޒީ އިތުރަށް ވިދާޅުވީ ދީދީގެ ފަރާތުން ދިފާއުގައި ހުށަހަޅަންޖެހޭ ލިޔުމެއް ވާނަމަ އޭގެ ދެ ސެޓް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ކޯޓަށް ހުށަހަޅަން ވާނެ ކަމަށެވެ. އޭގެފަހުން އެ ފުރުސަތު ނުދެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތް ނިންމަވާލައްވާފައިވަނީ މި މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވަން ތާވަލް ކޮށްފައެވެ.