Last Updated: July 10, 06:03
Thursday, July 10, 2025
ޚަބަރު

ނިހާނުގެ ނަޒަރުގައި އިންތިގާލީ ކެންޑިޑޭޓަކީ ފުއާދު ތައުފީޤު

އިދިކޮޅު ފަރާތްތަކުން އަންނަ ރިޔަސީ އިންތިހާބްގައި އިންތިގާލީ ކެންޑިޑޭޓެއް ނެރުމަށް މަޝްވަރާ ކުރަމުންދާކަން އިއްލާން ކޮށްފައިވަނިކޮށް އެ ކެންޑިޑޭޓަކީ ކުރީގެ އިލެކްޝަން ކަމިޝަންގެ ރައީސް ފުއާދު ތައުފީގުކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހްމަދު ނިހާން ހަސަން މަނިކު ޓްވީޓްކޮށްފިއެވެ.

ނިހާން މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައިސް ނަޝީދު އާއި އަހްމަދު މަހްލޫފް އެމްއޯޔޫގެ ނަމުގައި ބެމްބޫ ހައްދައިގެން ނެރޭ އިންތިގާލީ ކެންޑިޑޭޓަކީ ފުއާދު ތައުފީގު ކަމަށެވެ. ނިހާން ވަނީ މިޓްވީޓްގައި ރައީސް ނަޝީދު އަދި މަހްލޫފް އާއި އެކު ފުއާދު ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯ ޓްވީޓްކޮށްފައެވެ.

ރޭ ރާއްޖެ ޓީވީ ފަލަ ސުރުހީގައި ވާހަކަފުޅު ދައްކަވަމުން މަހްލޫފް ވިދާޅުވެފައިވަނީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އިދިކޮޅުން އެއް ކެނޑިޑޭޓެއް ނެރުން ކަމަށެވެ. އަދި އެގޮތަށް ނެރޭ ކެންޑިޑޭޓަކީ މާ ސިޔާސީ ނޫން ކެންޑިޑޭޓަކަށްވެސް ވެދާނެކަމަށެވެ.

ނިހާން މިފަދައިން ޓްވީޓް ކުރެއްވި އިރު ޕީޕީއެމްއިން ދަނީ އިންތިގާލީ ވެރިއަކަށް ރާއްޖޭގެ ގާނޫނު އަސާސީން ފުރުސަތެއް ނެތްކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ.