ހދ. ކުޅުދުއްފުއްޓަށް ބޭނުމީ އާ އެއާޕޯޓެއްގެ ބަދަލުގައި ހަރުދަނާ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ކަމަށާއި އެރަށުގެ ކުޅި ހިއްކައިގެން އެއާޕޯޓު ހެދުމަކީ ތިމާވެއްޓަށް ދެވޭ އަނިޔާއެއް ކަމަށް ސިފަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ ނިންމުމަށް ފާޑުވިދާޅުވެއްޖެއެވެ.
މިސަރުކާރުން ކުޅުދުއްފުށީގެ އާ އެއާޕޯޓު އެޅުމަށް ނިންމުމަށްފަހު ފުއްޓަރުފަރާތް ހިއްކައިގެން އެއާޕޯޓު އެޅުމުގެ މަސައްކަތް ފެށުމަށް ކުރިން ރޭވި ނަމަވެސް މިހާރު އެރަށުގެ ކުޅި ހިއްކައިގެން އެއާޕޯޓު އެޅުމަށް ނިންމާފައިވާތީ ވަރަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
އެގޮތުން މިކަމާ ގުޅޭގޮތުން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކުޅުދުއްފުށީގެ ކުޅި ހިއްކުމުން އެއީ އެހެން ރަށެއް ކަމަށެވެ. އެކުޅި އާ އެރަށާ ހުރި ގުޅުމަށް އަލިއަޅުވާލަމުން ނަޝީދު ވަނީ ތަކުރާރުކޮށް ކުޅި ހިއްކުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލާފައެވެ.
އަދި އެރަށުގައި ހަރުދަނާ ދަތުރުފަތުރުކުރުމުގެ ނިޒާމެއް އޮތުން ރަށު ރައްޔިތުންނަށް މާ މުހިންމުކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ. ކުޅުދުއްފުއްޓާއި ނުހަނު ކައިރީގައި މިހާރު އެއާޕޯޓެއް އޮންނައިރު ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމުން ހަނިމާދޫ އެއާޕޯޓަށް އޭގެ ދަތިކަން ކުރިމަތިވާނެ ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ކުޅުދުއްފުށީ ކުޅި ހިއްކުމާ ދެކޮޅަށް ސޯޝަލް މީޑިޔާގައި އަޑުއުފުލަމުންދާ މިދަނޑިވަޅުގައި ހައުސިން މިނިސްޓަރު ވަނީ އެކަމަށް ރައްދު ދެއްވައި ޓުވީޓެއް ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ ތަރައްގީ ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކެމްޕޭނު ކާމިޔާބެއް ނުވާނެ ކަމަށެވެ.