Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އައްޑޫގެ ހާލަތު ހުރީ ސައީދު ފިނިފެންމަލެއް ބޭނުންވެގެން އުޅޭހެނެއް ނޫން: ރޮޒޭ

* އައްޑޫ ރައްޔިތުން ރައީސް ޔާމީން ބޭނުންވާންވީ އެއްވެސް ސަބަބެއް ފެންނާކަށް ނެތް
* މެޑަމް ދޭ ސިޓީ އުރައަކުން އައްޑޫ ރައްޔިތުން ނުވިކޭނެ
* ޕީޕީއެމް ޖަލްސާއަށް މީހުން ގެންދިޔައީ ފައިސާ ދީގެން ރޮއެ އާދޭސްކޮށްގެން ބިރުދައްކައިގެން

އައްޑޫ ސިޓީގެ ރައްޔިތުންގެ ހާލަތު ހުރީ އިކޮނިމިކް މިނިސްޓަރ މުހައްމަދު ސައީދު ފިނިފެންމަލެއް ބޭނުންވެ ވަޑައިގެން އުޅުއްވާ ގޮތަކަށް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ.

އޭނާގެ ފާޑުކިޔުން މިނިސްޓަރު ސައީދަށް އަމާޒުވެފައި މިވަނީ، ދާދިފަހުން އައްޑޫގައި ބޭއްވި ޖަލްސާއެއްގައި އައްޑޫ ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީން ކަހަލަ ވެރިއެއް ކަމަށް ސައީދު ވިދާޅުވެފައިވާތީއެވެ.

ހޯމަ ދުވަހުގެ ރޭ މާލޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ރޮޒޭ ވިދާޅުވީ، އައްޑޫ ރައްޔިތުން ރައީސް ޔާމީނަށް ބޭނުންވާން ޖެހޭ އެއްވެސް ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކަރަންޓު ކެނޑެމުން ދިޔައީ ދުވާލަކު 1 ފަހަރު ކަމަށާއި މިހާރު ދުވާލަކު 6 ފަހަރު ކަރަންޓު ކެނޑޭ ކަމަށެވެ. މިފަދަ ހާލެއްގައި އައްޑޫގެ ރައްޔިތުން އުޅެމުން އަންނައިރު ރައީސް ޔާމީނަށް އައްޑޫ ރައްޔިތުން ވަރަށް ބޭނުންވާނެ ނޫންތޯ ރޮޒޭ ވަނީ ސުވާލު އުފައްދަވާފައެވެ.

"ސައީދު ވިދާޅުވީ އައްޑޫ ބޭނުންވަނީ ރައީސް ޔާމީން ކަހަލަ ވެރިޔެކޯ. މިނިސްޓަރ ސައީދު ފިނިފެންމަލެއް ބޭނުންވެގެން އުޅޭހެނެއް ނޫން އައްޑޫ ރައްޔިތުންގެ ހާލަތު ހުރީކީއެއް. އައްޑޫ ރައްޔިތުން ރައީސް ޔާމީން ބޭނުންވާންވީ އެއްވެސް ސަބަބެއް އަޅުގަނޑަށް ފެންނާކަށް ނެތް." ރޮޒޭ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒޭ ވަނީ އައްޑޫގައި ފެނަކައިން ދެމުންދާ ފެނުގެ ޚިދުމަތުގެ ކޮލިޓީ ކޮންޓްރޯލް ކުރެވޭނެ ގޮތެއް ހަމަޖެހިފައި ނެތުމާއި ފެނުގެ އަގު އިންތިހާއަށް ބޮޑު ކަން ފާހަގަކުރައްވާފައެވެ. އޭގެ ސަބަބުން ރައްޔިތުން ތިބީ ފެނުގެ ޚިދުމަތް ބޭނުން ނުކުރެވިފައި ކަމަށް ރޮޒޭ ވިދާޅުވިއެވެ.

"މެޑަމް ދޭ ސިޓީ އުރައަކުން އައްޑޫ ރައްޔިތުން ނުވިކޭނެ"

 

އައްޑޫ ސިޓީ އަށް ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ކުރެއްވި ދަތުރުފުޅުގައި ބައެއް ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެކަމާއި ގުޅިގެން ރޮޒޭ ވިދާޅުވީ، "މެޑަމް ބަހާ ސިޓީ އުރައަކަށް އައްޑޫ ރައްޔިތުން ނުވިކޭނެ" ކަމަށެވެ.

ރައްޔިތުންގެ ފައިސާ ބޭނުން ކުރުމަށް ފަހު ބާކީވާ ބައިން ރައްޔިތުންނަށް ސިޓީ އުރަތައް ބަހަމުން ދާ ކަމަށާއި އަދި މެޑަމްގެ ދަތުރުގައި ދަތުރުކުރި ހުރިހާ ފަރާތްތަކެއްގެ ޓިކެޓް އަދި އެހެނިހެން ހަރަދުތައް ކޮށްފައިވަނީ ސަރުކާރުގެ ފައިސާއިންތޯ ވެސް ރޮޒޭ ވަނީ ސުވާލު އުފައްދާފައެވެ.

އަދި އެކަން ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ރޮޒޭ ވަނީ ރޭގެ ޖަލްސާގައި ގޮވާލައްވާފައެވެ.

ހިތަދޫގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ތިބި މީހުން ފެނިފައި މިނިސްޓަރު ސައީދުގެ ގައިން ހީބިހި އަރައިގެން ދިޔަ ކަމަށް ވިދާޅުވެފައި ވާތީ އެކަމަށް ވެސް ރޮޒޭ ވަނީ ފާޑުވިދާޅުވެފައެވެ.

ރޮއެ އާދޭސްކޮށްގެން އަދި ފައިސާ ދީގެންނާއި މަޖުބޫރު ކޮށްގެން ރައްޔިތުން ޖަލްސާތަކަށް ގެންގޮސްފައި، އެ މަންޒަރު ފެނުމުން ހީބިހި އަރައިގެންދާ ކަމަށް ވިދާޅުވާއިރު ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ނަތީޖާއިން މިނިސްޓަރު ސައީދުގެ ގައިން ހީބިހި ނެގިތޯ ރޮޒެއިނާ ވަނީ ސުވާލު ކުރައްވާފައެވެ.

"މީހުންނަށް ފައިސާ ދީގެން ރޮއެ އާދޭސްކޮށްގެން ބިރުދައްކައިގެން ވަޒީފާއިން ކަނޑާނެ ކަމަށް ބުނެގެން ރަޖިސްޓަރ މާކް ކޮށްގެން އެތަނަށް މީހުން ގެންގޮސްގެން އަމިއްލައަށް އަރާ އެފެނުނީމަ މިބުނަނީ ހީބިހި އަރަނީޔޯ އެހެން ހީބިހި އަަރައަރާ ހުއްޓައި ނޫންތޯ ކައުންސިލް އިންތިހާބުގައި ވެސް އައްޑޫ އަދި މާލެއިން ވެސް ސުމެއް ޖައްސާލާފައި އޮތީ"