ފީފާ އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ފަސްވަނަ ފަހަރަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލަލީގާ ރެއާލް އިން ހޯދާފައިވާއިރު ރޮނާލްޑޯ ދެއްކި މޮޅު ކުޅުމަށް އޭނާއަށް އަހަރުގެ މޮޅު ކުޅުންތެރިިޔާގެ އެވޯޑު ލިބިފައިވާއިރު ރެއާލްގެ ކޯޗު، ޒިނެދީން ޒިދާންއަށް ވަނީ އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑުވެސް ލިބިފައެވެ.
އަންހެން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބާސެލޯނާއަދި ނެދަލެންޑްސްގެ އަންހެން ޓީމަށް ކުޅެމުން އަންނަ ލީކް މާޓެންސްއެވެ. އަދި އަންހެން އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ނެދަލެންޑްސްގެ ކޯޗު ސަރީނާ ވީގްމެންއެވެ.
އެންމެ ރީތި ގޯލަކަށް ހޮވި ފީފާ ޕުސްކަސް އެވޯޑު ލިބިފައިވަނީ އާސެނަލްގެ ފޯވާޑް އޮލިވިއާ ޖިރޫޑް ކްރިސްޓަލް ޕެލެސް ކޮޅަށް ޖެހި "ސްކޯޕިއަން ކިކް" އެވެ.
ފީފާގެ މޮޅު 11، ފިފްޕްރޯ ވޯލްޑް 11 އަށް މިދިޔަ އަހަރުގެ ލައިންއަޕުން ތިން ބަދަލު މިއަހަރު ފެނިފައިވެއެވެ. އެގޮތުން ގޯލުކީޕަރުގެ މަގާމު ޔުވެންޓަސްގެ ބުފަން ހޯދާފައިވާއިރު އޭސީ މިލާނުގެ ބޮނޫޗީ ވަނީ އެންމެ މޮޅު އެއް ޑިފެންޑަރަށް ހޮވިފައެވެ. އަދި ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާ ވަނީ އެންމެ މޮޅު ތިން ފޯވާޑުންގެ ތެރޭގައި ހިމެނިފައެވެ.