އިދިކޮޅު ފަރާތްތަކުން ނެރޭ ރިޔާސީ ކެންޑިޑޭޓަކަށް ކުރީގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސް، ފުއާދު ތައުފީގު ހެދުމަށް މަސައްކަތްކުރާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.
ފުއާދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެއްވެސް ބޭފުޅަކު ކެންޑިޑެންސީއާ ބެހޭގޮތުން އޭނާއާ އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށެވެ. އަދި އެކި ބޭފުޅުނު ފާޅުކުރެއްވި ޝުއޫރުތަކަށް ޝުކުރު ދަންނަވާ ކަމަށް އޭނާ ބުނެފައިވެއެވެ.
އެންމެ ފުރަތަމަ އިދިކޮޅު ކެންޑިޑޭޓަކަށް ނެރެން އުޅެނީ ފުއާދު ކަމަށް ވިދާޅުވީ ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު، އަހުމަދު ނިހާން ހުސެއިންމަނިކެވެ.
Evves beyfulhaku candidacy aamedhu alhugadaa mashvaraaeh nukuravva.
Eki beyfulhun alhugadah faalhukurevvi shuooruthakah shukuru dhannanvan.— Fuwad Thowfeek (@FuwadThowfeek) October 23, 2017
ނިހާން މިހެން ވިދާޅުވެފައި ވަނީ އިދިކޮޅު ޕާޓީތަކުގެ ތަރުޖަމާނު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އިދިކޮޅުން ނެރޭ އިންތިގާލީ ކެންޑިޑޭޓާ ބެހޭގޮތުން މައުލޫމާތުތަކެއް ހިއްސާ ކުރުމުންނެވެ. މަހޭ ބުނެފައިވަނީ އިދިކޮޅު ނެރޭ ކެންޑިޑޭޓަކީ މާ ގިނައިން ޕޯޑިއަމްތަކުގައި ހަޅޭއްލަވާ މީހެއް ނޫން ކަމަށެވެ. އަދި އެއީ މާ ސިޔާސީ ބޭފުޅެއްވެސް ނޫން ކަމަށެވެ.
ފުއާދު ތައުފީގު އޭނާ އިންތިގާލީ ކެންޑިޑޭޓަކަށް ނެރުމަށް މަސައްކަތް ކުރާކަން ދޮގުކުރި ނަމަވެސް އިދިކޮޅު ހަތަރު ލީޑަރުން އެދިވަޑައިގެންފިނަމަ ކުރިމަތިލާނެ ކަމަށް ވިދާޅުވެފައިވެއެވެ.