އައްޑޫ ސިޓީގެ މަގުތަކުގެ ހާލަތު ގޯސްވުމުގެ ސަބަބުން ދަރިވަރުން ސްކޫލަށް ދާން ޖެހެނީ ޗަކަ ވަޅުގަނޑުތަކުގައި ފަތާފައި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރޮޒޭ ވިދާޅުވީ ސްކޫލް ކުދިން ޗަކަ ވަޅުގަނޑުތަކުގައި ފަތާފައި ދާން ޖެހުނު ނަމަވެސް މެޑަމް ދާން ވާއިރަށް މަގުތަކަށް ބަރާބަރަށް ވެލިއަޅާ ކަމަށެވެ.
"ސްކޫލްތަކަށް ކުދިން މިދަނީ ޗަކަ ވަޅުގަނޑުތަކުގައި ފަތާފައި، (ނަމަވެސް) މެޑަމް ދާން ވާއިރަށް މަގުތަކަށް ބަރާބަރަށް ވެލި އަޅާ" ރޮޒޭ ވިދާޅުވިއެވެ.

ރޮޒޭ ވިދާޅުވި ގޮތުގައި މެޑަމް ފާތުންގެ އައްޑޫ ދަތުރުފުޅާއި ގުޅިގެން އެމްއާރްޑީސީގެ މުވައްޒަފުން ހަތަރު ދުވަސް ވަންދެން މެދުކެނޑުމެއް ނެތި މަސައްކަތް ކުރުވި ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށެވެ.
"ހަތަރުރޭ ހަތަރު ދުވަސް ވަންދެން އެމްއާރްޑީސީގެ މަސައްކަތް ކުރާ މީހުންނަށް ނިދުނަ ނުދީ އެމީހުން ރުޅި އައިސްގެން އަޅުގަނޑުމެންނަށް ގުޅާ މީ ކިހާ ބޮޑު ނުހޮރޮއްޕާނެއްހޭ ކިޔާ ހިސާބާށް ދިޔަ." ރޮޒޭ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒޭ ވަނީ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު އައްޑޫގެ މަގުތައް ހަދަން ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވުމުން އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.

ރޮޒޭ ވިދާޅުވީ، މިއަހަރުގެ މެއި މަހުގެ ތެރޭގައި ވެސް ސިއެރާ ކޮންސްޓްރަކްޝަނާއި އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު ހަވާލުކުރި ކަމަށް މުއިއްޒު ވިދާޅުވި ކަމަށާއި އެހެން ނަމަވެސް ފާއިތުވި 4 މަސް ދުވަހުގެ ތެރޭގައި އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށެވެ.
އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫއަށް ގެންދިޔަ މަގު ހެދުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހުރި އިރުވެސް (އެމްއާރްޑީސީ އާއި ހައުސިން މިނިސްޓްރީން)ކުރާ ކަމަކީ ހަމައެކަނި މެޑަމް ފާތުން ވަޑައިގަންނަވާއިރަށާއި ރައީސް ޔާމީންގެ ކެމްޕެއިނާއި ދިމާކޮށް ފަސްކޮޅެއް އެޅުން ކަމަށް ރޮޒޭ ވިދާޅުވިއެވެ.