Last Updated: June 17, 10:15
Wednesday, June 17, 2026
ޚަބަރު

ބައި އިލެކްޝަންތަކަށް 26 މިލިއަން ކަނޑައަޅައިފި

ibu

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކުގެ ތެރެއިން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުންގެ ބައި އިލެކްޝަންތައް ބޭއްވުމަށް ސަޕްލެމެންޓްރީ ބަޖެޓުން 26 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

ފިނޭންސް މިނިސްޓަރު މިއަދު މަޖިލީހަށް ހުށައެޅި 493 މިލިއަން ރުފިޔާއިން ބައި އިލެކްޝަންތައް ބޭއްވުމަށް ކަނޑައަޅާފައިވަނީ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުތަކަށް އަންދާޒާކުރި ވަރަށްވުރެ 14 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އީސީން ލަފާކޮށްފައިވަނީ އިންތިޚާބުތަކަށް ދާނެ ޖުމުލަ ޚަރަދުގެ ގޮތުގައި 12 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ. ނަމަވެސް ފިނޭންސުން މަޖިލީހަށް ބަޖެޓު ހުށައެޅިއިރު ބައި އިލެކްޝަންތަކަށް މިވަނީ 26 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

ޕީޕީއެމުން ވަކިކޮށްފައިވާ ކަމަށް ކަނޑައަޅައި މަޖިލީހުގެ 6 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. އެމެމްބަރުންނަކީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތް، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަބްދުﷲ، މައްޗަންގޮޅީ ދެކުނު ދާއިރާ އަބްދުﷲ ޝިނާންއެވެ.