ރައީސް އަބްދުﷲ ޔާމީން މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅިގެން އެއަތޮޅު މަޑުއްވަރީގައި އެމަނިކުފާނާ ދެކޮޅަށް ޝުއޫރު ފާޅުކޮށް ދަމާފައިހުރި ބެނާތައް ނެގުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
ރޭ މެންދަމުގެ ވަގުތެއްގައި ކޯޓުން ބެނާތައް ނެގުމަށް އަމުރު ނެރެފައިވަނީ ފުލުހުންގެ ފަރާތުން ކޯޓުގައި އެދުމުންނެވެ. އަމުރު ނެރެފައިވަނީ 72 ގަޑިއިރަށެވެ.
ރައީސް ޔާމީނާ ދެކޮޅަށް ދަމާފައިހުރި ބެނާތަކުގެ އިތުރުން އިދިކޮޅު ފަރާތްތަކުން ބޭނުންކުރާ އަޑުގަދަކުރާތަކާއި ސައުންޑް ސިސްޓަމްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ބާރު ކޯޓުން ވަނީ ދީފައެވެ. އަދި ފުލުހުން އެދުމުން އެއްޗެހި ދިނުމަށް ދެކޮޅު ހަދައިފިނަމަ ބާރުގެ ބޭނުން ކޮށްގެން މިއެއްޗެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ބާރުވެސް ކޯޓު އަމުރުގައި ވަނީ ދީފައެވެ.
މިއަމުރުގެ ސަބަބުން އިދިކޮޅު ފަރާތްތަކަށް ލިބިގެންވާ އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އަރައިގަނެވޭކަން ސިޔާސީ ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ.