އެލްބޯޑު ޖަހައިގެން އަންނަ ރިޔާސީ އިންތިހާބްގައި ކުރިމަތިލައްވާ ފަރާތްތަކަށް ފުރުސަތު ދޭން ޖެހޭތޯ ރައްޔިތުން ސުވާލު ކުރަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރ. މަޑުއްވަރީ ނަރުދަމާ އާއި ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އިދިކޮޅުން ނިކުންނަ ފަރާތްތަކަށް ރައްޔިތުން ބޭނުންވަނީ ކޮންކަމެއްކަން އަދިވެސް ސާފު ނުވާކަމަށެވެ. އަދި އަޖުމަ ބެލުމުގެ ގޮތުން ވެރިކަމަށް ކުރިމަތި ލައްވާ ފަރާތްތަކަށް ޖާގަ ދޭން ޖެހޭތޯ ރައްޔިތުން ސުވާލު ކުރަން ޖެހޭ ކަމަށެވެ.
"އަޖުމަ ބެލުމުގެ ގޮތުން ދަސްކުރާ ބަޔަކަށް. އެލްބޯޑު ޖަހައިގެން އުޅޭ ބަޔަކަށް ފުރުސަތު ދޭނެތޯ އަޅުގަނޑުމެން ރައްޔިތުންނަށް ކުރަން ޖެހޭ ސުވާލެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ އެބޭފުޅުންގެ ޓާގެޓެއް ނެތް ކަމަށެވެ.
ރައީސް މިއަދު މަޑުއްވަރީއަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނާއި ދެކޮޅަށް އަޑު އުފުލާފައެވެ. އެ ރަށުގައި ރައީސް ޔާމީނާއި ދެކޮޅަށް ދަމާފައިވާ ބެނާތައް ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ނަގާފައެވެ.