Last Updated: June 17, 10:15
Wednesday, June 17, 2026
ޚަބަރު

ކުޅިބަލަން ނުތިބެ ޚިދުމަތް ކުރައްވަން ވަޑައިގަނޭ: ރައީސް

ރާއްޖޭން ބޭރަށް އަރުވާލެވިގެން ތިއްބެވި ލީޑަރުންނަށް ރައީސް އަބްދުﷲ ޔާމީން ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.

މިއަދު ރ. ފައިނުގައި ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ވިދާޅުވެފައިވަނީ ބޭރުގައި ކުޅި ބަލަން ތިއްބެވުމުގެ ބަދަލުގައި ފަސްގަނޑަށް ޚިދުމަތް ކުރުމަށް ވަޑައިގެންނެވުމަށެވެ.

ލީޑަރުންނަކީ ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކޮށްދެވޭ ފެންވަރުގެ ބަޔެއް ކަމަށާއި ރައްޔިތުންގެ މަސައްކަތުގައި ޝާމިލުވެ ތިބެން ޖެހޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ބޭރަށް އަރުވާލެވިގެން ތިބި އިދިކޮޅު ލީޑަރުންނަށް ފާޑުވިދާޅުވެފައެވެ.

"ކީއްކުރަންތޯ އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި އުޅެންވީ؟ ހަމަގައިމުވެސް އެތަންތަނަކުން ވޯޓު ލިބިގެން ރާއްޖޭގެ ރައީސް ކަމަކަށް ނާދެވޭނެ. ރާއްޖެއަށް ވަޑައިގެން ހިދުމަތް ކުރައްވައިގެން އަދި އެބޭފުޅުންގެ ހުރި ހަކަތަ ދައްކަވައިގެން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަންވީ،"

އަދި ސަރުކާރުން ކުރާ މިފަދަ ދަތުރުތަކުގައި އިދިކޮޅު ފަރާތްތަކަށްވެސް ބައިވެރިވެވެން ޖެހޭނެ ކަމަށާއި އެބޭފުޅުންވެސް ބައިވެރިވުމަށް އެދިވަޑައިގެން ރައީސް ޔާމީން ވަނީ މިއަދުގެ ވާހަކަފުޅުގައި އިދިކޮޅު ފަރާތްތަކަށް ދަޢުވަތު އަރުވާފައެވެ.

އިދިކޮޅު ފަރާތްތަކުން މާލެ-ހުޅުލެ ބްރިޖަށް ފާޑުކިޔާތީ އެކަމަށްވެސް މިއަދު ރައީސް ޔާމީން ވަނީ ރައްދު ދެއްވާފައެވެ. ރައީސް ވިދާޅުވެފައިވަނީ އެބްރިޖު އެޅުމަށް ކުރާ ޚަރަދު މިހާރަށް ވުރެ ކުޑަކުރެވޭނެ ގޮތެއް ވިސްނިވަޑައިގަންނަވާނަ ސަރުކާރާއި ހިއްސާ ކުރައްވާށެވެ.

ސަރުކާރުންވެސް ޚަރަދު ކުޑަކުރުމަށް އިސްކަންދޭ ކަމަށާއި އެފަދަ މަޝްވަރާތަކަށް މަރުހަބާ ކިޔާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.