އަމިއްލަ ދަތުރުފުޅެއްގައި މެލޭޝިއާއަށް ވަޑައިގެންނެވި ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިހާބީ ރައީސް އަލް އުސްތާޒު މައުމޫން އަބްދުލް ގައްޔޫމް މިރޭ މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސް މައުމޫންގެ ދެކަނބަލުން މާލެ ވަޑައިގެންނެވުނުން އިދިކޮޅު ސިޔާސީ ބޭފުޅުންވަނީ އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވާފައެވެ.
Great to be back home after a short visit abroad. Thank u to all senior members of coalition who turned up to welcome me. pic.twitter.com/SzDrOuKHwi
— Maumoon Abdul Gayoom (@maumoonagayoom) October 24, 2017
ރައީސް މައުމޫންއަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް އާއި ޖޭޕީގެ ނައިބް ލީޑަރ އަބްދުﷲ ރިޔާޒުގެ އިތުރުން ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސެއިން އާއި ވިލިނގިލީ ދާއިރާގެ މެމްބަރ ސައުދު ހުސެއިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރ މުހައްމަދު އަމީތު ވަނީ ވަޑައިގެންފައެވެ.
މީގެ އިތުރުން ރައީސް ޔާމީން ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް އާއި ރައީސް އޮފީހުގެ މިނިސްޓަރ އަބްދުﷲ އަމީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސް މައުމޫން އަމިއްލަ ދަތުރުފުޅެއްގައި މެލޭޝިއާ އަށް ވަޑައިގެންފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ރެއެވެ.
ރައީސް މައުމޫންއަށް އިދިކޮޅު އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ފަރާތްތަކުން މަރުހަބާ ދެންނެވި އިރު އަންނަ ރިޔާސީ އިންތިހާބަކަށް އިންތިގާލީ ކެންޑިޑޭޓެއް ނެރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފް ވަނީ ވިދާޅުވެފައެވެ. އަދި އެވާހަކަތަކަށް ޖުމްހުރީ ޕާޓީން ވަނީ މަރުހަބާ ކިޔާފައެވެ.