Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

އޯޑަރު ކުރީ ޕްލާސްޓިކް ފުޅި އަށް، ލިބުނީ 30 ކިލޯގެ ކެނަބިސް

އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގައި ދިރިއުޅޭ ދެމަފިރިއަކަށް ލިބުނު އެމަޒޯން ފޮށިގަނޑެއްގެ ތެރެއިން 30 ކިލޯގެ ކެނަބިސް ފެނިއްޖެ އެވެ.

އެމަޒޯން އިން ޑެލިވަރީ ކުރި ފޮށިގަނޑުގެ ތެރެއިން ކެނަބިސް ފެނުމުން ހައިރާންވި ކަމަށް ނަން ހާމަކުރަން ބޭނުންނުވާ އެ ދެމަފިރިން ބުނެއެވެ.

އެމީހުން އެމަޒޯން އިން އޯޑަރު ކުރީ ޕްލާސްޓިކް ފުޅިތަކަކަށެވެ. އެހެންނަމަވެސް ޑެލިވަރީ ލިބުނުއިރު ފޮށިގަނޑު ހީކުރިވަރަށްވުރެ މާ ބަރެވެ.

އެ ހާދިސާއާއި ގުޅިގެން ބަދަލެއްގެ ގޮތުގައި އެމަޒޯން އިން ވަނީ 150 ޑޮލަރުގެ ބަދަލެއް ދޭން ހުށަހަޅާފައި ކަމަށް އެމީހުން ބުނެއެވެ.

ފްލޮރިޑާގެ ފުލުހުން ވަނީ މިހާރު އެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލަ މިހާރު ތަހުޤީގުކުރަމުން ދާއިރު، އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވެއެވެ.

މި މައްސަލައާއި ގުޅިގެން އެމަޒޯން އިން ބުނެފައި ވަނީ މި މައްސަލަ ހައްލުކުރުމަށްޓަކައި އެކުންފުނީގެ ކަސްޓަމާ ސަރވިސް ޓީމުން ސީދާ ކަސްޓަމަރާއިއެކު މަސައްކަތް ކުރި ކަމަށާއި، މިކަމުގެ ތަހުޤީގުގައި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.