ސަލްމާން ޚާން އާއި ޖެކޮލިން ފަނެންޑެޒް ވަރަށް އަވަހަށް "ރޭސް 3" ގެ ޝޫޓިން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ކާމިޔާބު ފްރެންޗައިޒްގެ ތިންވަނަ ފިލްމް ޑައިރެކްޓް ކުރަނީ މަޝްހޫރު ކޮރިއޮގްރާފާ ރޭމޯ ޑި'ސޫޒާ އެވެ. ރިޕޯޓްތައް ބުނާގޮތުން ވަރަހަށް އަވަހަށް މި ފިލްމްގެ ޝޫޓިން އަބޫ ދާބީގައި ފަށާނެ އެވެ.
ސަލްމާން މިހާރު ދަނީ ކެޓްރީނާ ކައިފްއާ އެކު ގްރީސް ގައި އިތުރު ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ރޭސް 3 ގެ ޝޫޓިން އަށްޓަކައި ސަލްމާން ދާނީ ސީދާ ގްރީސް އިން އަބޫ ދާބީ އަށެވެ.
ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ރޭމޯ ވަނީ އޭނާގެ ޓީވީ ޝޯ ކަމަށްވާ "ޑާންސް ޗެމްޕިއަންސް"ގެ ޝޫޓިން ވެސް ފަސްކޮށްފައެވެ.