Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެއްވެސް ރަށެއްގައި ކަރަންޓް ނެތިގެން މިހާރު ޝަކުވާއެއް ނާދޭ: ރައީސް

ރ. މީދޫ ގައި ޕީ.ޕީ.އެމް އިން އިންތިޒާމު ކުރި ހަރަކާތެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

މިއަދު ރާއްޖޭގެ އެއްވެސް ރަށަކުން ކަރަންޓު ނެތިގެން އެކަމުގެ ޝަކުވާއެއް ލިބިވަޑައިނުގަންނަވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރ.މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި މިއަދު ކަންކަން ނުވުމުގެ ޝަކުވާ އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

އެގޮތުން ޝަކުވާ ލިބިވަޑައިގަންނަވަނީ އެއްވެސް ރަށެއްގެ އިންޖީނުގެ ނެތިގެން އަދި ކަރަންޓު ނެތިގެން ނޫން ކަމަށާއި އެހެން ނަމަވެސް "ތިހިރީ ހުރިހާ އިންޖީނުތަކެއް ބެހެއްޓިފައި ކަމަށް" ބުނެ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑަށް އަންނަ ޝަކުވާ އަކީ ކަންކަން ނުވުމެއް ނޫން. މިއަދު އަޅުގަނޑަކަށް ނާދޭ އެއްވެސް ރަށެއްގެ އިންޖީނުގެ ނެތިގެންނެއް ކަރަންޓު ނެތިގެންނެއް ނާދޭ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި މީގެ ކުރިން އަޅުގަނޑުމެން ޚިޔާލު ކުރަމުން އައީ 6 ގަޑިއިރު ކަރަންޓު ދީފައި ކަނޑާލާ ވާހަކަ ކަމަށެވެ.

ކަރަންޓު ނެތިގެން ޝަކުވާ ލިބިވަޑައިނުގަންނަވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް ދާދިފަހުން ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ އަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. އެމައްސަލައަށް ވަގުތީ ހައްލެއް ވެސް ލިބިފައިވަނީ ގާތްގަނޑަކަށް 2 ހަފްތާ ވަންދެން ކަރަންޓު ކެނޑި ބޮޑެތި ދަތިތަކެއް އައްޑޫގެ ރައްޔިތުން ތަހައްމަލް ކުރި ފަހުންނެވެ.