Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ވެމްކޯއިން އިތުރު ފަސް ވެހިކަލް ގެނެސްފި

ވެމްކޯ އިން އައްޑޫ އަށް އަލަށް ގެނައި ވެހިކަލްތައް. އައްޑޫލައިވް ފޮޓޯ: އަޒީމް ނަޖްމީ

އައްޑޫގެ ކުނި މެނޭޖް ކުރާ ހަވާލުވެފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އައްޑު އަށް އިތުރު ފަސް ވެހިކަލެއް ގެނެސް ކުނި އުކާލުމުގެ ޚިދުމަތް ދިނުމުގައި ބޭނުން ކުރަން ފަށައިފި އެވެ.

ވެމްކޯގެއޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައްޑު އަށް ގެނައި 5 ވެހިކަލްގެ ތެރެއިން 3 ވެހިކަލް ބޭނުންކުރާނީ ގުޅިފައިވާ ރަށްތަކުން ކުނިއުކާލުމުގެ ޚިދުމަތް ދިނުމަށް ކަމަށެވެ. އަދި އަނެއް 2 ވެހިކަލް ބޭނުންކުރާނީ ހުޅުދޫ އަދި މީދޫގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އައްޑޫގެ ކުނިމެނޭޖް ކުރުމުގެ މަސައްކަތާއި ވެމްކޯ އިން ހަވާލުވި އިރު ވެހިކަލްތައް މަދުވުމުގެ ސަބަބުން ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ. އެހެންވެ ވަކި ހިސާބަކުން ވެމްކޯ އިން ކުނިއުކާލުމުގެ ހިދުމަތް ދިނީ އެމްއާރްޑީސީގެ ބައެއް ލޮރިތައް ކުއްޔަށް ނަގައިގެންނެވެ.

ވެމްކޯ އައްޑޫ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މިމަހުގެ 20 ވަނަ ދުވަހު އައްޑޫއަށް ގެނައި ވެހިކަލްތަކުގެ ރަޖިސްޓްރޭޝަން ކަންތައް މިހާރު ވަނީ ނިންމާފައެވެ. އަދި އަލަށް ގެނައި ވެހިކަލްތައް ބޭނުންކުރަން ފެށުމާއި އެކު ގޭބިސީތަކުން ކުނި ނެގުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެކަމަށް ވެމްކޯ އައްޑޫ އޮފީހުން ބުނެއެވެ.