Last Updated: June 17, 10:15
Wednesday, June 17, 2026
ޚަބަރު

ރިޔާސަތު ކައިރިއަށް އެއްވާކަށް ނުޖެހޭ: ނިހާން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާއިރު ކޮންމެ މެމްބަރަކަށްވެސް އެމެމްބަރަކަށް ވާހަކަ ދެއްކުމަށް ފުރުސަތު އެރުވުމުން އެމެމްބަރެއްގެ މޭޒު ކައިރީ ހުރެ މިނިވަން ކަމާއެކު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިފައިވާއިރު ރިޔާސަތުގެ މޭޒު ކައިރިއަށް އެއްވެ އެތާ ތިބި މީހުންގެ ގަޔަށް ބޮލަށް އަރަން ނުޖެހޭ ކަމަށް ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއް ޖެއެވެ.

މަޖިލީހުގެ ރައީސްގެ މޭޒުކޮޅު އުސް ސްޓޭޖެއްގައި ހެދުމަށްފަހު ވަށާ ފާރު ލަކުޑިން ފަރުމާކޮށް އެތާ ކައިރިއަށް އެއްވުން ހުއްޓުވުމަށް މަޖިލިސް ތަޅުމަށް ގެނައި ބަދަލުތަކަށް އިޝާރާތް ކުރައްވަމުން ނިހާން ވިދާޅުވެފައިވަނީ އެއްވެސް މެމްބަރަކު ރިޔާސަތު ކައިރިއަށް އައިސް އަޑުގަދަކުރުމާއި އެތާ އިދާރީ ކަންތައް ބަލަހައްޓާ މަޖިލީހުގެ މުވައްޒިފުންގެ ގަޔަށް، ފަޔަށް އަދި ބޮލަށް އަރާކަށް ނުޖެހޭ ކަމަށެވެ.

އިސްލާމްދީނުގެ އަސާސަކާ ޚިލާފުނުވެ، މީހެއްގެ އަބުރަށް ނާރައި ކޮންމެ މެމްބަރަކުވެސް މަޖިލީހުގައި ބަހުސް ކުރާ ކަމަކާމެދު ދެކޭ ގޮތް ބަޔާންކޮށް ވާހަކަ ދެއްކުމުގެ މިނިވަންކަން އެމެމްބަރަކު ހުންނަ މޭޒެއްގައި، މެމްބަރަށް ކަނޑައެޅިފައިވާ މައިކު މެދުވެރިކޮށް ދެއްކުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ 493 މިލިއަން ރުފިޔާގެ ސަޕްލަމެންޓްރީ ބަޖެޓަށް ބަހުސް ކުރުން މިއަދު ކުރިއަށްދިޔަ އިރު އިދިކޮޅު މެމްބަރުން ބަހުސް ބޮއިކޮޓް ކުރުމުން ނިހާން ފާޑުވިދާޅުވަމުން ދެއްކި ވާހަކައިގައި އިދިކޮޅު މެމްބަރުން މަޖިލިސް މޭޒު ކައިރިއަށް އެއްވާތީ ހެދި ފާރަށް އިޝާރަތްކޮށް ވާހަކަ ދައްކާފައިވެއެވެ.

ނަމަވެސް މީގެ ކުރިން ނިހާން ވިދާޅުވެފައިވަނީ އެކަމަކީ މަޖިލީހުގެ އާބާތުރަ ފިލުވުމަށް ޕާކިސްތާނުން ލިބުނު އެހީއެއްގެ ދަށުން ކުރި ކަމެއް ކަމަށެވެ. އަދި އެއީ ރިޔާސަތުގެ މޭޒު ކައިރިއަށް އެއްވެ އަޑުއުފުލާތީ ކުރި ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓަށް އެހުމަށް 45 މެމްބަރުން ސޮއިކުރުމަށްފަހު ހުށައެޅުމުން އެވޯޓު ނުނަގާތީ އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގެ ފާއިތުވެދިޔަ ޖަލްސާތަކުގައި ވަރަށް ބޮޑަށް ފާޑުކިޔައި މަޖިލިސް ތެރޭގައި އަޑުއުފުލާފައެވެ.

އެހެންވެ މިދިޔަ ދަންފަޅީގެ ފަހު ޖަލްސާތަކުގައި މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ ރައީސްގެ މޭޒު ކުރިމަތީގައި ސިފައިންގެ "ފައުޖެއް" ބޭއްވުމަށްފަހުގައެވެ. ލަކުޑިން ފަރުމާކުރި އާ ފާރު ބެހެއްޓި ފަހުން ސިފައިން މަޖިލިސް ތަޅުމުގެ ތެރޭގައި ހަރަކާތްތެރިނުވެއެވެ.