Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ނަދީމް "މަރާލި" މީހުންނަށް ވަކީލަކު ހަމަޖައްސަން 10 ދުވަސް

ޓާމިނަލް ކެފޭ ތެރޭގައި ހުއްޓާ ޖުލައި 27 ވަނަ ދުވަހު ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ ތަކަންދޫ އިބްރާހިމީ ހިޔާ ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން މިއަދު ޝަރީއަތް ކުރިއަށް ގެންދިޔަ 4 މީހުންނަށް ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.

ނަދީމްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމް އާއި ލ. ގަން ވިދާތަރި އަލީ ނިފާޒުގެ އިތުރުން ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިން އާއި ގއ ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށެވެ.

މީގެ ތެރެއިން 18 އަހަރުން ދަށުގެ ކުއްޖާގެ ޝަރީއަތް ކުރިއަށް ގެންދަނީ ޖުވެނައިލް ކޯޓުގައެވެ.

ހަތަރު މީހުންގެ ތެރެއިން މަފާޒްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ މަފާޒްގެ މައްޗަށް މަރުގެ އަދަބު އަންނާނެ އެވެ.

އެ ދައުވާ ސާބިތުނުވެ، އެކަމަކު އެ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއް ސާބިތުވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މަފާޒަށް އަންނާނެ އެވެ.

މީގެ އިތުރުން އަނެއް ހަތަރު މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާއެވެ.

އެމީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.