ރައީސް އަބްދުﷲ ޔާމީން ވެރިކަމާއި ހަވާލުވިފަހުން ދިވެހި ސަރުކާރުން ވޯލްޑް ބޭންކު ލަދުގަންނަވާލައިފި ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަޕްލަމެންޓްރީ ބަޖެޓަށް ބަހުސް ކުރަމުން ރިޔާޒް ރަޝީދު ދެއްކެވި ވާހަކައިގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު(އައިއެމްއެފް)އާ ދިމާލަށްވެސް ބަހުގެ ހަމަލާތައް ވަނީ ފޮނުވާލާފައެވެ.
ރިޔާޒް ބުނެފައިވަނީ އައިއެމްއެފުން މިހާރު އުޅެނީ ގަދަކަމުން ރާއްޖެއަށް ލޯނުދީ، ލޯނުތައް ރާއްޖެ ބޮލުގައި ނޭޅުވިގެން ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައިއެމްއެފުން ރާއްޖެއަށް ލޯނު ދީފައި ވަނީ "އެތިކޮޅުތަކުން" ކަމަށާއި ރައީސް ޔާމީން ވެރިކަމާއި ހަވާލުވިފަހުން އެކަން ބަދަލުކޮށްފައިވާ ކަމަށެވެ.
"100 މިލިއަން ޑޮލަރު، އެމްޑީޕީގެ ތިންއަހަރުގެ ވެރިކަމުގަ ނަގަން މާލިއްޔަތު ކޮމިޓިއަށް އެބޭފުޅުން (އައިއެމްއެފް) ވަޑައިގެން، އެބޭފުޅުންނަށް އޭރު ނަޝީދުގެ ވެރިކަމުގަ ކުރި ސުވާލެއްގެ ތެރޭގަ އެބޭފުޅުން ބުނީ ތިމަންނަ މެންނަށް މިހާރު މި ރާއްޖޭގަ މިހާރު މި ކަންތައްތައް ހުރި ގޮތަށް ބަލާއިރުގަ، އިޤްތިޞާދު މިހާރު މި ދާގޮތަށް ބަލާއިރުގަ، އެއްފަހަރާ މި ފައިސާ ދޭކަށް، ތިމަންނަމެނަކަށް، ތިމަންނަމެންގެ އުސޫލުތައް ތަނެއް ނުދެއޭ. އެހެންވީމަ 100 މިލިއަން ޑޮލަރު ތިމަންނަމެން ދޭނީ ބަހާލައިގެންނޭ،"
މިހާރު ބޭރުގެ މުއައްސަސާތަކުން ރާއްޖެއާ މެދު ދެކެމުން އައި ވިސްނުން ބަދަލުކޮށްފައިވާ ކަމަށާއި އެއީ ރާއްޖެއިން ނަގާ ލޯނުތަކުން ހެޔޮ ބަދަލުތައް ފެންނަމުން އަންނާތީ ކަމަށް ރިޔާޒް ވިދާޅުވިއެވެ.