Last Updated: April 25, 22:42
Friday, April 26, 2024
ރިޕޯޓް

ރައްޔިތުންނަށް ވެސް ކޫޑި އެބަ ފެނެ އެވެ.

ދަންވަރު ހޭލާހުރި ވަގުތެއްގައި ޓީވީގެ އެކިޗެނަލްތައް ބަދަލުކުރަމުންގޮސް ބަންޑާރަ ބޮޑުޓީވީއަށް އަޅުވައިލެވުނު ވަގުތު ފެނުނީ މީގެ އެތަކެއް އަހަރުކުރީން ކޮންމެވެސްތާކުން އަހަރެންނަށް ފެނިފައިވާ މޫނެކެވެ. ހަނދާނުގެ ތެރެއަށް ފީނައިގެން މިއީ ކާކުކަން ދެނެގަތުމަށްޓަކައި ޗެނަލް ބަދަލުނުކޮށް އިރުކޮޅަކު ބަހައްޓާން ޖެހުނެވެ.

އަސްތާ ހަނދާންވެއްޖެއެވެ. މިއީ ހުވަންޏާއި ކޫޑީގެ ދުއްތުރާތަކުން ގަސްތައް މިންޖުކުރުމަށްޓަކައި ޒާތެއްގެ ބޭހެއް ޖަހާން އެގްރިކަލްޗަރު މިނިސްޓްރީގެ ފަރާތުން އަހަރެމެން ވަރަށް ކުޑައިރު ރަށަށްގޮސްގެން އުޅުނު މީހެކެވެ. ކޫޑިއެޅީމާ ގަސްތައް މަރުވާގޮތާއި ދަނޑުވެރިރަށެއްގެ މައީޝަތަށް އެކަމުުގެ ސަބަބުން ފޯރާނެ ގެއްލުންތައް ކިޔައިދިނުމަށާއި ގަސްތަކަށް ސްޕްރޭކުރަން އަހަރެމެން ރަށުގައި މީނާ ދުވަސްކޮޅަކު މަޑުކުރިއެވެ. މިގޮތަށް މަޑުކުރުމުގައި ޔުނިފޯމް އަޅައިގެން ސްކޫލަށް ގޮސްގޮސްހުރި ކުއްޖަކު ކަނޑާލައިގެން އެކުއްޖާޔާއި އިނދެފައި ދެންވީގޮތެއް ނޭގުނެވެ. ދިރިއުޅުމުގައި އެޅީ ކޮންޒާތެއްގެ ކޫޑިއެެއްކަން އޮޅުމެއް ނުފިލިއެވެ. ފުރީ ވަރިކޮށްފައެވެ. މިހާރު މީނާއަކީ މަޖިލީހުގެ އަސުރުމާއޮޅީގެ ބެއިކަލެކެވެ.

އަތްދިގު ހުދުގަމީހެއްލައިފައި އޮފުކަންގަދަ ޓައީއެއް އަޅައިގެން ޓީވީއަށް އަރައިއިނދެ މީނާ މިދައްކަނީ ކޮންވާހަކައެއް ބާވައެވެ. ވިސްނައިލިއިރު މިއީ ކޫޑީގެ ވާހަކައެވެ. ސިޔާސީ ކޫޑިންނާއި އެއުރެންގެ ފަރާތުން މުޖުތަމައަށްހުރި ނުރައްކަލުގެ ވާހަކައެވެ. ގައުމުގެ ތަރައްގީގައި ކޫޑިއެޅީމާ ދެން އެތަރައްގީ ފަހަތަށް ސޮއްސައިލާނެ ގޮތުގެ ވާހަކައެވެ.

ކުރިންވެސް މީނާގެ ފުށުން އިވުނީ ކޫޑީގެ ވާހަކައެވެ. އެފަހަރު ގަހުކޫޑީގެ ވާހަކައެވެ. ގަހުކޫޑީގެ ވާހަކަ ދައްކައިއުޅުނުއިރު އެވާހަކައިގެ ސައްހަކަމާއި ބުނެދިނުމުގައި ހުރި މޮޅުދެރަމިން ވިސްނައިގަނެވޭވަރަށްވުރެ އަހަރެން ކުޑައެވެ. އެހެންވީމާ އެވާހަކަ ބޭއްވީއެވެ. ހަމަގައިމުވެސް ސިޔާސީކޫޑިއޭ ކިޔައިގެން މިހާރު އެދައްކަނީ ދެކޮޅުޖެހޭ ވާހަކަތަކެއް ނޫނެވެ.

މީނާ ގަބޫލުކުރާގޮތުގައި ގައުމުގައި އަޅާފައިވާ ކޫޑިޔަކީ ސަރުކާރާ ދެކޮޅުހެދުމެވެ. އެހެންވީމާ ކޫޑި ނައްތައިލާން އެބަޖެހެއެވެ. ޑިމޮކްރަސީއެއްގައި އިދިކޮޅު ޕާޓީތައް ހަރަކާތްތެރިވާންޖެހޭކަމާއި އިދިކޮޅު ޕާޓީތަކުގެ ދައުރަކީ ސަރުކާރުންކުރާ ވިޔާނުދާކަންތައް ރައްޔިތުންނަށް ބުނެދިނުންކަން މީނާއަށް ރޭކާނުލަނީތޯއްޗެކެވެ.

ސަރުކާރު ބަދަލުވީމާ ކޮންމެވެސްބަޔަކު ދެން މިސަރުކާރު ހިންގާނީ ތިމަންނާމެންނަށް މަންފާ ބޮޑުގޮތަކަށް ތިމަންނާމެންނޭ ހީކޮށްގެން އުޅެނިކޮށް އެބަޔަކަށް އެފުރުސަތު ނުލިބުނީމާ ސަރުކާރު ގޯސްކޮށްފައި ވާހަކަ ދައްކަނީއޭ ބުންޏެވެ. މުޅިވާހަކައިގެ މައިގަޑަކީ އެއީއެވެ. މީނާގެ ދިގު ހާސަރުތައް ޚުލާސާކޮށްލީމާ އަހަރެންނަށް ދޭހަވީ މިހެންނެވެ. ސަރުކާރާއި ދެކޮޅަށް ވާހަކަ ދެއްކުމަކީ ކޫޑިއެޅުމެެވެ. ކޫޑިއެޅީމާ ތަރައްގީގައި ލައްޖެހި ހުތުރުވަނީއެވެ. ތަރައްގީގެ ގިރިޓީން އޮފުކެނޑެނީއެވެ. އެހެންވީމާ ވެވުނުގޮތަކުން ކޫޑީގެ އަސަރު ފިލުވައިލާންޖެހެއެވެ.

އަހަރެންގެ ހިތުގައި ޖެހުނެވެ. މީގެ ތިންހަތަރު ކުރިޔާ ހަމަޔަށް މީނާ ކޮބައިބާވައެވެ. އުޅުނީ ކޮންތާކުބާވައެވެ. މިގައުމުގައި އުޅުނުބާވައެވެ. ވެރިކަމެއް ނިމުނުގޮތާއި އާވެރިކަމެއް ފެށުނުގޮތް ހަނދާންނެތޭހާ ދުވަހެއް އަދިނުވެއެވެ. ހެއްދެވި އިލާހު ހެކިކޮށް ގާއިމުކުރި އެއްބަސްވުންތައް ވީދައި ކުދިކުދިކޮށްލީ ކޮންބައެއްކަން ހަނދާނުން ކެހިގެނެއް ނުދެއެވެ. ކަންކަންވަމުން މިދާގޮތް މޭރުންނުވާވަރަށް މީހުން ތަސައްރަފު ކެނޑުނީއެއްވެސް ނޫނެވެ. އެހެންވީމާ ގައުމުގައި ކޫޑި އެޅީޔޭ ކިޔައިގެން މިދައްކަނީ ކޮން ވާހަކަތަކެއް ބާވައެވެ. ޔަގީނުންވެސް އެހަދަނީ ދޮގެވެ. ގައުމުގައި ކޫޑިއަޅާފައިވާނަމަ އެކޫޑިޔަކީ ދޮގުހެދުމާއި އޮޅުވައިލުމެވެ. ބޭސްޖަހާންވީ އެކަމަށެވެ.

ރޫސީވިލާތަށް 1917 ވަނަ އަހަރު ގެނެވުނު ކޮމިއުނިސްޓް އިންގިލާބުގެ ބާނީ ލަޑީމިއަރ ލެނިން ވިދާޅުވެފައިވެއެވެ. ދޮގެއްވިޔަސް މާގިނައިން ތަކުރާރުކުރާން ފަށައިފިއްޔާ ހަގީގަތަކީ އެއީކަމަށް މީސްތަކުން ގަބޫލުކޮށްފާނެއެވެ. އަސުރުމާއޮޅީގެ މޮޓޯއަކީ މިއީކަމަށްވެސް ވެދާނެއެވެ. އެކައްޗެއް ކިޔުން ގިނަކުރީމާ އެއީ ތެދެއްކަމަށް ރައްޔިތުން ގަބޫލުކޮށްފާނެއޭ ހީކުރަނީކަންނޭގެއެވެ. އެކަމަކު އަހަރެން މިބުނަނީ ފިސާރިތެދެކެވެ. ގަހުކޫޑީގެ ވާހަކަ ދެއްކި ކަލޭގެފާނު ބިލިއަންފަހަރު އެކައްޗެއް ތަކުރާރުކުރިޔަސް އެހަދަނީ ތެދުކަމަށް މަށެއް ގަބޫލު ނުކުރާނަމެވެ.