Last Updated: June 17, 10:15
Wednesday, June 17, 2026
ޚަބަރު

ސަޕްލިމެންޓްރީ ބަޖެޓް ކޮމެޓީން ފާސްކޮށްފި

މަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަރީފް. އޭނާ ވަނީ ސަޕްލެމެންޓްރީ ބަޖެޓަށް ވޯޓު ދީފައި.

މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން އަހަރުގެ ބާކީ އޮތް ބައިގައި ޚަރަދު ނުބެލެހެއްޓޭނެ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށައެޅި ސަޕްލެމެންޓްރީ ބަޖެޓު، މިއަދު ބަޖެޓު ކޮމިޓީން ފާސްކޮށްފިއެވެ.

ބަޖެޓު ކޮމިޓީގެ ނައިބު މުގައްރިރު ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެފައިވަނީ ބަޖެޓު ފާސްވެފައިވަނީ އިދިކޮޅު ދެމެމްބަރެއްގެ ވޯޓުވެސް ލިބިގެންނެވެ. އެއީ މަރަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝަރީފާއި ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދެވެ.

މި ދެމެމްބަރުން ސަޕްލެމެންޓްރީ ބަޖެޓަށް ވޯޓު ދީފައިވަނީ އިދިކޮޅު މެމްބަރުން މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓުގެ ބަހުސް ބޮއިކޮޓް ކޮށްފައިވަނިކޮށެވެ.

މި ދެމެމްބަރުންނަކީ މިއަހަރުގެ ބަޖެޓު ފާސްކުރުމަށްވެސް ވޯޓުދިން ދެ މެމްބަރުންކަން ފާހަގަކުރެވެއެވެ. ފިނޭންސް މިނިސްޓްރީން ވަނީ 493 މިލިއަން ރުފިޔާ ސަޕްލެމެންޓްރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށައަޅާފައެވެ.

ބަޖެޓު ފާސްވެގެން ގޮސްފައިވަނީ ހުށައެޅި ގޮތަށް އިތުރު އިސްލާހެއް ނުގެނެސް ފިނޭންސް މިނިސްޓްރީން ހުށައެޅި ގޮތަށެވެ. ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ކަނޑައަޅާފައިވަނީ މެމްބަރުންގެ ބައި އިލެކްޝަންތައް ބޭއްވުމަށް މި ބަޖެޓުގައި ވަނީ 26 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. އަދި ސިއްހީ ޚިދުމަތްތައް ކުރިއަށް ގެންދިއުމަށް 330 މިލިއަން ރުފިޔާވެސް މި ބަޖެޓުގައި އެކުލަވާލާފައިވެއެވެ.