ބޮލީވުޑްގައި ފާހަގަކުރެވޭފަދަ ކާމިޔާބީއެއް ހޯދާފައިވާ ދެ ލަވަކިޔުންތެރިން ކަމަށްވާ އަލްކާ ޔާގްނިކް އާއި އުދިތް ނާރާޔަންގެ އިތުރުން މަޝްހޫރު މިއުޒިކް ކޮމްޕޯޒަރުން ކަމަށްވާ އުޝާ ކަންނާ އާއި ބައްޕީ ލާހިރީގެ އިތުރުން އަނޫ މަލިކް އަށް ޝަރަފްވެރި ލަތާ މަންގޭޝްކަރް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ސަރުކާރުން ދޭ މި ޤައުމީ އެވޯޑަކީ ލަތާ މަންގޭޝްކަރްގެ ހަނދާނުގައި ދެވޭ އެވޯޑެކެވެ. މި އަހަރުގެ މި އެވޯޑް އެ ފަންނާނުންނަށް މިއަދު އެރުވޭނެ އެވެ.
އެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އުމުރުން 88 އަހަރުގެ ލަތާ މަންގޭޝްކަރްގެ އުފަން ރަށް އިންދޯރް ގައެވެ.
މިއީ ކޮންމެ އަހަރަކު އެކިއެކި މިއުޒިކީ ފަންނާނުންނަށް ދެވޭ އެވޯޑެކެވެ. މި އެވޯޑް ލިބޭ ކޮންމެ ފަންނާނަކަށް ވެސް 800،000 އިންޑިއަން ރުޕީސްގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.
މިފަހަރުގެ ރަސްމިއްޔާތުގައި މަޝްހޫރު ޕްލޭބެކް ލަވަކިޔުންތެރިޔާ ސުދޭޝް ބޯސްލޭ އާއި އޭނާގެ ޓީމުން ހުށަހެޅުމެއް ދޭނެއެވެ.