Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ބައިގަޑި އިރު ފަހުން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދީފި

ހިތަދޫގައި ހުންނަ ފެނަކައިގެ ކަސްޓަމާ ސާރވިސް ސެންޓަރު ކުރިމަތީގައި މީހަކު ޝުޢޫރު ފާޅުކުރަނީ. އައްޑޫލައިވް ފައިލް ފޮޓޯ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ބައިގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދު ކެނޑިއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިފައި ވަނީ މިއަދުހެނދުނު 6:10 އެއް ހާއިރުއެވެ.

ކަރަންޓުގެ ޚިދުމަތް މެދުކެނޑުނުތާ ގާތްގަނޑަކަށް ބައިގަޑުއެއް ހާއިރު ފަހުން، މިހާރު ގުޅިފައިވާ ރަށްތަކުގެ ބައެއް ހިސާބުތަކަށް ކަރަންޓު ދީފައިވާއިރު، އަދިވެސް ގުޅިފައިވާ ރަށްތަކުގެ ބޮޑު ބަޔަކު ކަރަންޓެއް ނެތެވެ.

ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑެން ދިމާވި ސަބަބު އޮޅުން ފިލުވުމަށް 'އައްޑޫލައިވް' އިން އައްޑޫގައި ތިއްބަވާ ފެނަކައިގެ އިސްވެރިންނަށް ގުޅި ނަމަވެސް އެއިން އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބު ނުދެއްވާތީ ކަރަންޓު ކެނޑުނީ ކީއްވެގެން ކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ގުޅިފައިވާ ރަށްތަކުގެ ބޮޑު ބަޔަކު ކަރަންޓު ކެނޑުމުގެ ސަބަބުން ސްކޫލަށް ދިއުމަށް ދަރިވަރުންނަށް ވެސް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވާއިރު، އިއްޔެ ރައީސް އަބްދުﷲ ޔާމީން ވަނީ މިއަދު ރާއްޖޭގެ އެއްވެސް ރަށަކުން ކަރަންޓު ނެތިގެން އެކަމުގެ ޝަކުވާއެއް ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.