Last Updated: June 17, 10:15
Wednesday, June 17, 2026
ޚަބަރު

ވެސްޓް ހެމް އަތުން ސްޕާސް ބަލިވެ، ލީގް ކަޕުން ކަޓައިފި

އިނގިރޭސި ފުޓުބޯޅަ ލީގު ކަޕް، ކަރަބައޮ ކަޕްގެ ހަތަރުވަނަ ބުރުގައި ޓޮޓެންހަމް ހޮޓްސްޕާސް އަދި ވެސްޓް ހޭމް ޔުނައިޓެޑު ބައްދަލުކުރި މެޗު ވެސްޓް ހެމުން ކާމިޔާބުކޮށް ސްޕާސް ކަޓުވާލައިފިއެވެ.

ވެސްޓް ހެމްއިން މެޗު ކާމިޔާބުކޮށްފައިވަނީ ސްޕާސްއިން ދެ ލަނޑު ޖަހާފައިވަނިކޮށް، ފަހަތުން އަރައި 2-3 އިން މޮޅުވެގެންނެވެ. މެޗު ފެށިގެން ފަސް މިނެޓުވީއިރު ސްޕާސް ވަނީ ސިސޯކޯގެ ގޯލަކާއެކު ލީޑު ނަގާފައެވެ.

ކުރީކޮޅު ލީޑު ނަގައި ސްޕާސް ހަމަޖެހިލިއިރު ލީޑު ފުޅާކޮށްދީފައިވަނީ 36 ވަނަ މިނެޓުގައި ޑެލީ އަލީއެވެ. ވެސްޓް ހެމްއިން ކުޅުން ރަނގަޅުކޮށްފައިވަނީ ދެވަނަ ހާފުގައެވެ.

އެންޑްރޫ އަޔޭ 55 ވަނަ މިނެޓުގައި ގޯލު ޖަހާފައިވާއިރު ފަސް މިނެޓު ފަހުން ނަތީޖާ އެއްވަރުކުރި ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ އަޔޫއެވެ. މެޗުން މޮޅުވި ލަނޑު 70 ވަނަ މިނެޓުގައި ޖަހާފައިވަނީ ވެސްޓް ހެމްގެ އޮބޮގޮނޯއެވެ.

މުބާރާތުން ކެޓުމުން ސްޕާސްގެ ކޯޗު ޕޮޗެޓީނޯ ބުނެފައިވަނީ 0-2 ގެ ލީޑެއް ގެއްލުވާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ލީޑެއްގައި އޮވެ ބަލިވުމަކީ އޭނާ ބަލައިގަންނާނެ ނަތީޖާއެއް ނޫން ކަމަށާއި ބަލިވީތީ ހިތާމަކުރާ ކަމަށް ޕޮޗެޓީނޯ ބުންޏެވެ.