ގުޅިފައިވާ ޕާޓީތަކުން އުފައްދާފައިވާ އިދިކޮޅު އިއްތިހާދު ބައިބައިވުމުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާގު މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.
ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ ހިސްޓޯ، "ސަން ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ އިއްތިހާދު ބައިބައިވާން ފެށީ ރައީސް ނަޝީދު އިންތިގާލީ އެއް ކެންޑިޑޭޓު ނެރުމަށް ގޮވާލުމުން ކަމަށެވެ.
ހަތަރު ޕާޓީން އެއްބަސްވާ އެއް ކެންޑިޑޭޓަކު ނެރުމަށް ރައީސް ނަޝީދު ގޮވާލި ހިސާބުން، އިއްތިހާދުގެ އެތެރޭގައި ޚިޔާލު ތަފާތުވުންތައް އުފެދެން ފަށައިފި ކަމަށާއި ދެން ފެންނާނީ މަޑު މަޑުން ބައިބައިވެ، އެކަކު އަނެކަކަށް ރުޅިވެރިވާން ފަށާތަން ކަމަށް ހިސްޓޯ ބުނެފައިވެއެވެ.
އިއްތިހާދުގައި އިސްކޮށް ތިއްބެވި ލީޑަރުންގެ ބަހާއި އަމަލާ ދިމާވާތަން ފެންނަމުން ނުދާ ކަމަށާއި އެމީހުންގެ މަސައްކަތަކީ ސަޕޯޓަރުން "ގުނބޯ ހެއްދުން" ކަމަށް ބުނެ ހިސްޓޯ ވަނީ ވަރަށް ބޮޑަށް އެމްޔޫއޯއަށް ފާޑުކިޔާފައެވެ.
އަދި އިންތިގާލީ ކެންޑިޑޭޓުގެ ގޮތުގައި އިއްތިހާދުން ނެރެން އުޅޭ ކެންޑިޑޭޓަކީ "މާ ސިޔާސީ" ނޫން ބޭފުޅަކަށް ވާތީވެސް ހިސްޓޯ ވަނީ ފާޑުކިޔާފައެވެ. އޭނާ ބުނެފައިވަނީ ސިޔާސީ ނޫން މީހަކަށް ރާއްޖޭގެ ވެރިކަން ގާބިލުކަމާއެކު ކުރެވޭނެތަނެއް ނުފެންނަ ކަމަށެވެ.