Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ދޮންނަ މެޝިނެއްގައި ރޯވެ ހުޅުދޫ ގެއެއް ވަރަށް ބޮޑަށް އަނދައިފި

ދޮންނަ މެޝިނެއްގައި ރޯވެ ހުޅުދޫ ގެއެއް ވަރަށް ބޮޑަށް އަނދައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާންގެ ހާދިސާ ހިނގާފައިވަނީ ހުޅުދޫ ވައިޖެހޭ ގޭގައެވެ. އެ ހާދިސާގައި އެގޭގެ އެއް ކޮޓަރި ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.

ހުޅުދޫ ކައުންސިލަރ އިބްރާހިމް ޝުކުރީ ވިދާޅުވީ މިއަދު ހެނދުނު 8 ޖަހާއިރު ވައިޖެހޭ ގޭގައި ރޯވީ އެގޭގެ ވަޅުކޮޓަރިއެއްގެ ތެރޭގައި ހުރި ދޮންނަ މެޝިނެއްގައި ރޯވެގެންކަމަށް މައުލޫމާތު ލިބޭކަމަށެވެ.

ހާދިސާ ހިނގި ވަގުތު އެގޭ މީހުން ތިބީ އެގޯތީގައި ހުރި އެހެން ގެއެއްގައެވެ. މި ހާދިސާގައި މީހަކަށް ގެއްލުން ނުވި ނަމަވެސް ކޮޓަރި ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.

މިހާދިސާގައި ރޯވި އަލިފާން ގަޑު ނިއްވާލާފައިވަނީ ރަށުގެ އާއްމުންނާއި ފުލުހުން ގުޅިގެންނެވެ. މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.