ކުޅުދުއްފުށީގައި އަލަށް ހަދާ އެއާޕޯޓު އެޅުމަށް އެރަށު ކުޅި ހިއްކުމަށް ސަރުކާރުން ނިންމާފައިވާއިރު އެ ޕްރޮޖެކްޓަށް ހިއްކަން ގަސްދުކޮށްފައި އޮތީ ކުޅިން އެއް ބައި ކަމަށް އެމްޓީސީސީން ބުނެފިއެވެ.
ގުދުރަތީ މުއްސަނދިކަމެއް ރަށަށް ގެނެސްދޭ ކުޅިއަކީ 22 ވަރަކަށް ހެކްޓަރުގެ ބޮޑު ކުޅިއެކެވެ. އެމްޓީސީސީން ބުނެފައިވަނީ ހިއްކުމަށް ނިންމާފައިވަނީ 9 ހެކްޓަރު ކަމަށެވެ. އޭގެ ސަބަބުން ކުޅީގެ ގުދުރަތީ ރީތިކަން ގެއްލިގެންދާނެ އިރު ގިނަ ބަޔަކު އަންނަނީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
ކުޅީގެ އިތުރުން މޫދުންވެސް ހަ ހެކްޓަރު ހިއްކުމަށް ރާވައި، އޭގެ މަސައްކަތް ކުރުމަށް މިހާރު ދަނީ ތައްޔާރުކުރަމުންނެވެ. އެމްޓީސީސީގެ ބޮޑު ޑްރެޖަރު، މަހާޖައްރާފު ވަނީ ކުޅިއާއި މޫދު ހިއްކުމަށް މިހާރު ކުޅުދުއްފުއްޓަށް ގޮސްފައެވެ.
މި ޕްރޮޖެކްޓުން ތިމާވެއްޓަށް ލިބޭނެ ގެއްލުން އަންދާޒާ ކުރުމަށް އީޕީއޭ އިން ހެދި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި މި ޕްރޮޖެކްޓު ނިމޭއިރު ތިމާވެއްޓަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ.