Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ކުޅުދުއްފުށީ ކިޅިން ގަސް ނުކަޑަން އީޕީއޭއިން އަންގައިފި

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވާ ކުޅި ސަރަހައްދު - ފޮޓޯ: ވޮއިސް އޮފް ކުޅުދުއްފުށި

ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް ހެދުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެސަރަހައްދުގައި ހެދިފައިވާ އެކި ބާވަތްތަކުގެ ގަސް ކެޑުމަށް ކުޅުދުއްފުށީ ކައުންސިލުން އެންގި އެންގުން ބާޠިލް ކުރުމަށް އެންވައިރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއް ލަޠީފް ހަސަން ވިދާޅުވީ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން އެސަރަހައްދުގައި ހެދިފައިވާ ކުރެދި، މަގޫ، ތަކަފަތި ކެނޑުމަށް ކައުންސިލުން ހުއްދަ ދީ އިއްލާން ކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ގަސް ނުކަޑަން އަންގައި އީޕީއޭއިން ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އަބްދުއް ލަޠީފް ވިދާޅުވީ އީޕީއޭއިން އެގޮތަށް އަންގައިގެން އެއިއްލާން މިހާރު ބާޠިލްކޮށްފައިވާ ކަމަށެވެ.

ކައުންސިލުން އަންގައިގެން ކުޅީ ސަރަހައްދުގައިވާ ބޮބި ވަޅުތައް ވެސް ނަގާފައެވެ.

ލަޠީފް ވިދާޅުވީ ކުޅި ސަރަހައްދުގައ 2500އެއްހާ ރުއްގަސް ހުރިކަމަށެވެ، އަދި އެތަކެތީގެ ތަފްސީލް ހައުސިން މިނިސްޓްރީން އެދިގެން ފޮނުވާފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް އަޅާތީ އެއްބަޔަކު ފާޑު ކިޔަމުން އަންނަ އިރު އެރަށުެގ ގިނަ ބަޔަކު ކުޅި ހިއްކައގެން އެއާޕޯޓް އެޅުމަށް ތާއިދު ކުރާކަމަށް ލަޠީފް ވިދާޅުވިއެވެ.

ކުޅުދުއްފުށީ އެއާޕޯޓް ބިން ހިއްކުމަށް އެމްޓީސީސީގެ މަހާ ޖައްރާފާ ވަނީ އެރަށަށް ގެންދެވިފައެވެ.