Last Updated: June 17, 10:15
Wednesday, June 17, 2026
ޚަބަރު

ފާރިސްގެ އިސްތިއުނާފުގެ އަޑުއެހުމެއް އަންގާރަ ދުވަހު

ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އިސްތިއުނާފްގެ އަޑުއެހުމެއް އަންނަ ހަފްތާގެ އަންގާރަ ދުވަހަށް ތާވަލުކޮށްފިއެވެ.

ރިޝްވަތު ހުށައެޅި ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށްފައިވާތާ 100 ދުވަސް ވެފައިވާއިރު ފާރިސްގެ ވަކީލުން ވަނީ އޭނާގެ ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ނަމަވެސް ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައެޅުމުގެ ސަބަބުން އިސްތިއުނާފްގެ ޝަރީއަތް ހައިކޯޓުން ވަނީ މެދު ކަނޑާލާފައެވެ.

އަންނަ އަންގާރަ ދުވަހަށް އަނެއްކާވެސް ފާރިސްގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކޮށްފައިވާއިރު، ފާރިސްގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން ދެކިވަޑައިގަންނަވާ ގޮތުގައި ފާރިސްއަށް މިސަރުކާރުން ދެނީ ހައްގަކާ ނުލާ ގަސްދުގައި އަނިޔާއެވެ.

ކޯޓު އަމުރެއްގެ ދަށުން ފާރިސް ދިރިއުޅެމުންދިޔަ އެޕާޓްމެންޓު ފުލުހުން ފާސްކޮށް، ތުހުމަތު ކުރެވޭ މައްސަލައާ ގުޅޭ ހެކިތަކެއް ހޯދާފައިވާ ކަމަށް ބުނިނަމަވެސް ފާރިސް ވަނީ އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް ނުފެންނާނެ ކަމަށް ބުނެފައެވެ. އަދި ރިޝްވަތު ހުށައަޅާފައިނުވާނެ ކަމަށާއި ރިޝްވަތުގައި ހިފާފައިވެސް ނުވާނެ ކަމަށް ތަކުރާރުކޮށް ބުނެފައިވެއެވެ.